ސިއްހީ ހިދުމަތްދޭ ތަންތަން އިމާރާތްކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކި ކުންފުނިތަކާ ހަވާލުކުރި މަޝްރޫއުތައް ނުހިންގި، އެެއްބަސްވުންތައް ބާތިލުކުރަން ޖެހުމުން 60 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އިސްރާފު ވެފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފު ސުވާލުކުރެއްވީ ކެލާ ސިއްހީ މަރުކަޒުގެ މަސައްކަތް ކުރީގެ ސަރުކާރުން މާ އަގުބޮޑުކޮށް ބަޔަކާ ހަވާލުކުރި މައްސަލައާ ގުޅޭ ގޮތުންނެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ގީލާ ވިދާޅުވީ، ކުރީ ސަރުކާރުން ހަވާލުކުރި ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ނުފެށި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން އެއްބަސްވުންތައް ބާތިލުކޮށް، އެހެން ކުންފުނިތަކާ މަސައްކަތް ހަވާލުކުރަން ޖެހުނު ކަމަށެވެ. މިގޮތަށް އެތައް ބަޔަކާ ހަވާލުކޮށްގެން ބާތިލުކުރަންޖެހުނު ޕްރޮޖެކްޓްތަކުގެ ސަބަބުން 60 މިލިއަނަށްވުރެ ގިނަ ރުފިޔާ އިސްރާފުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެހެން މެންބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު އިތުރަށް ވިދާޅުވީ، މިގޮތަށް ގެއްލިގެން ދިޔަ ފައިސާ އަނބުރާ ހޯދުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސަރުކާރުން މިހާރު ކުރިއަށްދާ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ވެސް މަޖިލީހުގެ ގިނަ މެންބަރުންތަކެއް ވަނީ ރަށްރަށުގެ ސިއްހީ އުމްރާނީ މަޝްރޫއުތައް ހުއްޓިފައި ހުރުމުން ކަންބޮޑުވުން ފާޅުކުރައްވައި، އެ މަސައްކަތްތައް އަލުން ފެށޭނެ ތާރީހަކާ މެދު ސުވާލުކުރައްވާފަ އެވެ.
ހިރުގަނޑުން ލޭ އައުމަކީ އާދައިގެ ކަމެއް ނޫން!
ހައުސިން މިނިސްޓްރީން އައްޑޫގައި ޕްރޮޖެކްޓް އޮފީހެއް ހަދަނީ
ނޫސްވެރިޔާ ސާއިދުގެ ހާލަތު ގޯސްވެ އައިސީޔޫގައި ފަރުވާ ދެނީ