ބޮލީވުޑްގެ މަޝްހޫރު ތަރި ސްރީދޭވީގެ ހަޔާތުގައި ޕްރޮޑިއުސަރު ބޮނީ ކަޕޫރާއެކު ކުރި ކައިވެންޏަށް އޭނާއަށް ދެ ދަރިން ލިބިފައިވެ އެވެ. އެއީ ޖާންވީ ކަޕޫރާއި ޚުޝީ ކަޕޫރެވެ.
އެހެން ނަމަވެސް 2017 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ސްރީދޭވީ ވަނީ އޭނާގެ ތިންވަނަ ދަރިއެއް ހުރި ކަމަށް އިޝާރާތްކޮށް ވާހަކަ ވެސް ދައްކާފަ އެވެ.
ސްރީދޭވީ ބުނީ ޕާކިސްތާނަށް ނިސްބަތްވާ އެ ފިލްމީ ތަރިއަކީ އޭނާގެ ދަރިއެއް ކަމަށާއި އެއީ އޭނާގެ ހަޔާތުގައި ވަރަށް މުހިއްމު މީހެއް ކަމަށެވެ.
ސްރީދޭވީ އިޝާރާތް ކޮށްފައި އެވަނީ 2017 ވަނަ އަހަރު ރިލީޒް ކުރެވުނު ފިލްމު "މޮމް"ގައި އޭނާއާއެކު ފެނިގެންދިޔަ ތަރި ސަޖަލް އަލީ އެވެ.
ސާޖަލްއަކީ އުފަން ދަރިއަކަށް ނުވި ނަމަވެސް އޭނާގެ ހިތުގައި ދަރިއެއްގެ މަގާމް ދެވިފައިވާ ކުއްޖެއް ކަމަށް ސްރީދޭވީ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
ސަޖަލް ވެސް ވަނީ ސްރީދޭވީއަކީ އޭނާގެ މަންމަ ފަދަ މީހެއް ކަމަށް ބުނެ ވާހަކަ ދައްކާފަ އެވެ. އެގޮތުން 2018 ވަނަ އަހަރު ސްރީދޭވީ މަރުވުމުން ސަޖަލް ބުނީ އޭނާއަށް އަނެއްކާ ވެސް އޭނާގެ މަންމަ ގެއްލުނީ ކަމަށެވެ.
ސަޖަލްއަކީ ބޮލީވުޑްގެ އިތުރުން ޕާކިސްތާނުގެ މުނިފޫހި ފިލުވުމުގެ ދާއިރާގައި ފާހަގަ ކޮށްލެވޭ ތަރި އެކެވެ. އޭނާގެ ފިލްމުތަކާއި ޓީވީ ޝޯތަކަކީ އެ ގައުމުގެ ޗާޓުތަކުގެ އެންމެ ކުރީގައި ހިމެނޭ ފިލްމުތަކެވެ.