ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަހަމާނިއަމް ޖައިޝަންކަރުއާ ބައްދަލުކުރައްވައިފި އެވެ.
މިއަދު ބޭއްވި އެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ އަރިހުގައި ވަޑައިގަތް ވަފްދުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.
އެ ބައްދަލުވުމުގެ ތަފްސީލު ނުދެއްވައި ރައީސް އޮފީހުން ބުނީ އިންޑިއާ އާއި ރާއްޖޭގެ މަސްލަހަތު ހިމެނޭ ގިނަ ކަންކަމަށް އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށެވެ. ރައީސް މުއިއްޒު މާދަމާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވާނެ އެވެ. އެ ބައްދަލުވުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.
މޯދީއާއެކު ބާއްވާ ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި ގުޅުން އިތުރު ކުރަން ރަސްމީ ވާހަކަތައް ކުރިއަށްގެންދާނެ އެވެ. އެ ދަތުރުފުޅުގައި މުމްބާއީ އަދި ބެންގަލޫރަށް ވެސް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ.
ޖައިޝަންކަރު މީގެކުރިން ރާއްޖެ ވަޑައިގަތް ދެ ފަހަރަކު ރައީސް މުއިއްޒު ވަނީ އޭނައާ ބައްދަލުކުރައްވާފަ އެވެ. އިންޑިއާގެ ރައީސް ދްރޫޕާދީ މުރްމުރްގެ ދައުވަތަކަށް ކުރައްވާ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
ރައީސް މުއިއްޒު މަގާމާ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާގެ ބޮޑުވަޒީރު މޯދީއާ އެންމެ ފުރަތަމަ ބައްދަލުކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ކޮޕް ސަމިޓުގެ ހަވާސާގެ ތެރެއިންނެވެ. އޭގެ ފަހުން ބޮޑުވަޒީރު މޯދީ އާ ދައުރަކަށް ބޮޑުވަޒީރުކަމަށް ހުވާ ކުރެއްވި ރަސްމިއްުޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާ އަށް ވަޑައިގެންނެވި އެވެ.
ރައީސް މުއިއްޒު ވެެރިކަމަށް ވަޑައިގަތް ފަހުން ވަނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އިންޑިއާއާ ވާދަވެރި ޗައިނާއާ މާބޮޑަށް ގުޅުން ބަދަހިކޮށް އެހީތައް ލިބޭނެ ކަމަށް ބެލި ނަމަވެސް ޗައިނާގެ ފަރާތުން އެދެވޭ ނަތީޖާއެއް ނުލިބުނެވެ. އެހެންވެ ރާއްޖޭގެ އިގްތިސާދު ހީނަރުވެފައި އޮތް މި ދަނޑިވަޅު އިންޑިއާ އިން އެހީ ހޯދުމުގެ ބޭނުމުގައި އިންޑިއާއާ ގުޅުން ބަދަލުކުރަން ވަނީ ފަށައިފަ އެވެ.