އަވަށްޓެރި ސްރީލަންކާގެ އާ ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކަގެ ވަޒީރުންގެ މަޖިލީހުގައި ހިމެނި ވަޑައިގަންނަވަނީ ރައީސްއާއެކު ތިން މެންބަރުންނެވެ.
މިއަދު ވަނީ ޑިސެނަޔަކަގެ ކެބިނެޓްގެ މެންބަރުން މަގާމުގެ ހުވާ ކުރައްވާފަ އެވެ. ޖުމްލަ 15 މިނިސްޓްރީގެ ހިންގުން ހަވާލުކޮށްފައިވަނީ ރައީސް ޑިސެނަޔަކަގެ އިތުރުން އާ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާ އަދި ގާނޫނު ހަދާ މަޖިލީހުގެ ޕީޕަލްސް ޕަވާ އެލަޔަންސް އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ވިޖިތަ ހެރަތު އާއެވެ.
ލަންކާގެ އާ ބޮޑުވަޒީރުގެ ގޮތުގައި ހުވާކުރުމަށްފަހު ހަރިނީ އަމަރަސޫރިޔާ ވަނީ ޖަސްޓިސް، އެޑިއުކޭޝަން، ލޭބާ، އިންޑަސްޓްރީޒް، ސައިންސާ އެންޑް ޓެކްނޮލޮޖީ، ހެލްތް އަދި ފުޑް ސެކިއުރިޓީ ވަޒީރުގެ ގޮތުގައި ހުވާކުރައްވާފަ އެވެ.
މީގެ އިތުރުން ރައީސް ޑިސެނަޔަކަ، ރައީސް ކަމުގެ އިތުރުން ޑިފެންސް، ފައިނޭންސް، އިކޮނޮމިކް ޑިވެލޮޕްމަންޓް، އެނާޖީ، ޕްލޭނިން އެންޑް ޓޫރިޒަމް، އަދި އެގްރިކަލްޗާ މިނިސްޓަރު ކަމުގެ މަގާމު އަދާ ކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.
މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ވިޖިތަ ހެރަތުއަށް ހަވާލުކޮށްފައިވަނީ ކަލްޗަރަލް، ފޮރިން، އެންވާރަމަންޓް، ޓްރާންސްޕޯޓް، ޕަބްލިކް ސެކިއުރިޓީގެ އިތުރުން ހައުސިން މިނިސްޓްރީ އެވެ.
މިއީ ލަންކާގެ ތާރީހުގައި ވެސް އެކުލަވާލި އެންމެ ކުޑަ ކެބިނެޓް ކަމަށް ރައީސް ޑިސެނަޔަކަގެ ޕާޓީއަށް ނިސްބަތްވާ މެންބަރުން ބުނެ އެވެ.
ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅުއްވާ ސިޔާސަތުތަކާއި ފަގީރުންގެ ވެލްފެއާގެ ކަންކަން ރަނގަޅުކުރެއްވުމަށް ވެޑައިގެންނެވި ވައުދުތަކާއެކު ގިނަބައެއްގެ ތާއީދު ލިބުނު ޑިސެނަޔަކަ އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ ލަންކާގެ ވަރުގަދަ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ވާދަކުރައްވައިގެންނެވެ.
އިންތިހާބުވެވަޑައިގަތުމަށްފަހު ޑިސެނަޔަކެ ވިދާޅުވީ މިއީ ރައްޔިތުން ހޯދި ކާމިޔާބީއެއް ކަމަށާއި މި ކާމިޔާބީއާއެކު ގައުމަށް ބަދަލުތަކެއް ގެނެސް ހަމަޖެހުން ގާއިމު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށެވެ.
ލަންކާގައި 15 މިނިސްޓްރީ 22 މިލޔަން މީހުނަށް. ރާއްޖޭގައި 22 މިނިސްޓްރީ 3ލައްކަ މީހުނަށް މިހައިވަރުވީމައި ހެއްވާ ވަރައް ވުރެވެސް މަޖާ