ލޮނު ފެނަކީ ނޭވާލާ ނިޒާމަށް ޖެހޭ އާއްމު ބައްޔެއް ކަމަށްވާ އަރިދަފުސް ރޯގާއަށް އޮތް ފަރުވާއެއް ކަމަށް ސައިންސްވެރިންގެ ހޯދުންތަކުން ސާބިތުވެއްޖެ އެވެ.
ކުޑަކުދިންނަށް އަމާޒުކޮށްގެން ހަދާފައިވާ އެ ދިރާސާއިން އެނގުނު ގޮތުގައި ލޮނު ފެނުގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން އަރިދަފުސް ރޯގާގެ އަލާމާތްތަކަށް ލުއެއް ލިބިގެންދެ އެވެ.
އެގޮތުން އާއްމުކޮށް ބޭނުންކުރެވޭ ބޭސްތަކުން އަރިދަފުސް ރޯގާ 8 ދުވަހުގެ ތެރޭގައި ރަނގަޅުވާއިރު ލޮނުފެނުގެ ފަރުވާއިން އެ މުއްދަތު ދެ ދުވަސް ކުރުވެ އެވެ.
ނަތީޖާއަކަށްވަނީ ފަސޭހައިން ފެތުރޭ އެ ބަލި އާއިލާގެ އެހެން މެމްބަރުންނަށް ޖެހުމުގެ ފުރުސަތު ކުޑަވުން ކަމަށް ސައިންސްވެރިން ބުނެ އެވެ.
މި ނަތީޖާތަކުގެ އަލީގައި ސައިންސްވެރިން މިހާރު ވަނީ ލޮނުފެން ބޭނުން ކޮށްގެން ނޭފަތަށް އަޅާ ބޭހެއް އީޖާދުކޮށް އެ ބޭސް ބޭނުން ކުރަން ފަށާފަ އެވެ.
އަރިދަފުސް ރޯގާ ޖެހުމުން މޫދަށް އެރުމަކީ ރާއްޖޭގެ އުމުރުން ދުވަސްވީ މީހުން ވެސް ދޭ ލަފައެކެވެ. މިއަދު މިއޮތީ އެކަމުގެ ހިކުމަތް ސައިންސްގެ އަލީގައި ސާބިތުވެސް ވެފަ އެވެ.