މިދިޔަ މަހު ރިލީޒްކުރި ބޮލީވުޑްގެ ކޮމެޑީ ބިރުވެރި ފިލްމު "ސްޓްރީ 2" ބޮލީވުޑް ބޮކްސް އޮފީހުގެ ގިނަ ރެކޯޑުތަކެއް މުގުރަމުން އެބަދެ އެވެ.
އެގޮތުން މިއަދާ ހަމައަށް އައިއިރު އެ ފިލްމު ވަނީ މުޅި އިންޑިއާގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކުގެ ލިސްޓުގެ ދެވަނައަށް ޖެހިލާފަ އެވެ.
މިދިޔަ ހަފްތާ ބަންދާ ހަމައަށް އެ ފިލްމަށް ލިބުނު 516 ކްރޯޑް ރުޕީސްއާއެކު ލިސްޓުގެ ތިންވަނައިގައި އޮތް އެސްއެސް ރާޖާމޯލީގެ "ބަހޫބަލީ: ކޮންކްލޫޝަން" ފަހަތަށް ޖައްސާލި އެވެ.
އެއަށްފަހު ޖެހިގެން އައި އާދީއްތަ ދުވަހު އެ ފިލްމަށް އިތުރު 10 ކްރޯޑް ރުޕީސް ލިބި ލިސްޓުގެ ދެވަނައިގައި 524 ކްރޯޑް ރުޕީސްއާއެކު އޮތް ޝާހްރުކް ޚާންގެ "ޕަތާން"ގެ ކުރިއަށް އެރި އެވެ.
އެހެން ނަމަވެސް ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދަން އަދިވެސް "ސްޓްރީ 2"އަށް އިންތިޒާރު ކުރަން ޖެހޭނެ އެވެ. 582 ކްރޯޑް ރުޕީސްއާއެކު މިވަގުތު އެ މަގާމުގައި ވެސް އޮތީ ޝާހްރުކް ޚާންގެ ފިލްމެއް ކަމަށްވާ "ޖަވާން" އެވެ.
"ސްޓްރީ 2" އަށް މިހާ ބޮޑު ކާމިޔާބެއް ލިބެމުން އަންނަ މައިގަނޑު އެއް ސަބަބަކީ އެ ފިލްމާ ވާދަކުރާނެ އިތުރު މިވަގުތު ސިނަމާތަކުގައި އަޅުވާފައި ނެތުން ކަމަށް މާހިރުން ބުނެ އެވެ.
ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި "ޖަވާން"ވެސް ފަހަތަށް ޖައްސާލައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ހިންދީ ފިލްމުގެ މަގާމަށް އެ ފިލްމު އަންނާނެ ކަމަށް ބެެލެވެ އެވެ.
ޝްރައްދާ ކަޕޫރުގެ އިތުރުން ރާޖްކުމާރު ރާއޯ ފެނިގެންދާ "ސްޓްރީ 2"އަކީ ހަމަ އެ ދެތަރިން ފެނިގެންދިޔަ 2018 ވަނަ އަހަރުގެ ފިލްމު "ސްޓްރީ"ގެ ސީކުއަލް އެކެވެ.