އަންހެނަކު ރަހީނުކޮށް ކަރުގައި ވަޅިޖައްސައި ބިރުދެއްކި މައްސަލާގައި ފުލުހުންގެ ހައްޔަރުގައި ހުއްޓާ ދަންޖެހިގެން ފަރުވާދެމުން ދަނިކޮށް މަރުވި އާދަމް އަތުހަރުގެ ޕޯސްޓުމޯޓަމް ހެދުމަށްފަހު ހަށިގަނޑު މާލެ ގެނެސްފި އެވެ.
އަތުހަރު މަރުވުމާ ގުޅިގެން އޭނާގެ ޕޯސްޓުމޯޓަމް ހަދަން އާއިލާ އިން ދެކޮޅު ހެދި އެވެ. ނަމަވެސް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައި ވަނީ އާއިލާއިން ގަބޫލު ނުވިޔަސް ޕޯސްޓުމޯޓަމް ހަދާނެ ކަމަށެވެ. އެގޮތުން ފުލުހުންނަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުން ލިބިދޭ ބާރުގެ ދަށުން ޕޯސްޓުމޯޓަމް ހަދަން ނިންމާ އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވީ މީގެ ތިން ދުވަސް ކުރިންނެވެ.
ފުލުހުން ބުނީ މިއަދު 5:30 ގައި އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ. އަދި އެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އަތުހަރު މިރޭ ވަޅުލުމަށް ވަނީ ނިންމައިފަ އެވެ. ކަށުނަމާދު ޕޭޖުގައިވާ ގޮތުން އަތުހަރުގެ ޖަނާޒާ އޮންނާނީ މިރޭ 10:00 ޖަހާއިރު އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނު ދަނީ އަތުހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މައްސަލަ ތަހުގީގު ކުރަމުންނެވެ.
އަތުހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނަކު އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ ރަހީނުކޮށް ކަރުގައި ވަޅި ޖައްސާ ބިރުދެއްކުމުގެ ސަބަބުން، އެ އަންހެންމީހާ ސަލާމަތްކުރުމަށް ފުލުހުން ވަނީ އަތުހަރުގެ ބޮލުގައި މުގުރުން ޖަހާ އޭނާ ހުއްޓުވާފަ އެވެ. އެރޭ ލިބުނު އަނިޔާއަށް ފަރުވާ ދިނުމަށްފަހު ދޫނިދޫ ޖަލަށް ގެންގޮސްފައި ހުއްޓާ އޭނާ ދަންޖެހި މަރުވާން މަސައްކަތް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ ރެ އެވެ. އޭގެފަހުން ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް އަތުހަރު މަރުވީ މި މަހުގެ 2 ވަނަ ދުވަހު ހަވީރު އެވެ.