ދުވަސް ފެށިދާނެ ކިތަންމެ ގޮތެއް ހުރެ އެވެ. އެއްބަޔަކު ހޭލާގޮތަށް ކޮފީއަކުން ދުވަސް ފަށާއިރު އަނެއް ބަޔަކު އިހްތިޔާރު ކުރަނީ ޔޯގާ ނުވަތަ މެޑިޓޭޝަން އެވެ.
އެހެން ނަމަވެސް ދުވަސް ފަށަން އެންމެ ސިއްހަތަށް ރަނގަޅު ގޮތަކީ ހެނދުނު ކަސްރަތަށް ދުވުން ކަމަށް ސައިންސްވެރިންގެ ދިރާސާތަކުން ވަނީ ދައްކާފަ އެވެ. އެކަމުގައި ގިނަ ފައިދާތަކެއް އެކުލެވިގެންވެ އެވެ.
ނަފްސާނީ ސިއްހަތު ދުޅަހެޔޮ ކޮށްދޭ
ދުވުމަކީ ނަފްސާނީ ސިއްހަތަށް ގިނަ ފައިދާތަކެއް ކުރުވާ ކަމެކެވެ. ހެނދުނުގެ ވަގުތުގައި ފެނިގެންދާ ގުދުރަތުގެ ރީތިކަމާއެކު ހިތަށް ހިތްހަމަޖެހުން ގެނުވާ ދުވަހުގެ ބާކީ އޮތްބައި ހިތްހަމަޖެހުމާއެކު ހޭދަ ކުރަން އެހީވެދެ އެވެ. އެއާއެކު ހެނދުނު ދުވާނަމަ އަމިއްލަ ނަފްސަށް ކުރާ އިތުބާރުވެސް ބޮޑުވާ ކަމަށް ސައިންސްވެރިން ބުނެ އެވެ.
ހަމަނިދި ލިބުން
ރޭގަނޑުގެ ނިދި ލިބުމުގައި އުނދަގޫތައް ކުރިމަތިވާނަމަ ހެނދުނު ދުވަން އާދަ ކުރާށެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުވަހުގެ ކުރީކޮޅު ދުވުމަކީ ރޭގަނޑު ނިދަން ފަސޭހަވެ ނިދުމުގެ ކޮލިޓީ ވެސް ރަނގަޅުކޮށްދޭ ކަމެކެވެ. ކަސްރަތަށް އާއްމުކޮށް މީހުން ދުވެ އުޅެނީ ރޭގަނޑު ކަމަށްވާއިރު މިއީ ނިދަން އުނދަގޫ ކުރުވާ ކަމެކެވެ.
ހިތުގެ ސިއްހަތު ރަނގަޅު ކޮށްދޭ
ހެނދުނު ގަޑީގައި ދުވުމަކީ ހަށިގަނޑަށް ލިބޭ އެރޮބިކް ކަސްރަތަކަށް ވާއިރު މިއީ ދިގު މުއްދަތުގައި ގިނަ ސިއްހީ ފައިދާތަކެއް ލިބޭ ކަމެކެވެ. ހާއްސަކޮށް ހިތުގެ މަސައްކަތް ރަނގަޅު ކޮށްދީ ދިގު މުއްދަތުގައި ހިތުގެ ބަލިތަކާއި އެއާ ގުޅުންހުރި ބަލިތަކުން ދުރުކޮށްދެ ކަމަށް މާހިރުން ބުނެ އެވެ.
ކަށީގެ ސިއްހަތު ވަރުގަދަ ކޮށްދޭ
ހެނދުނު ހަށިގަނޑުގެ ކަށިތަކުގައި ވާންކަން ބޮޑަށް ހުންނައިރު އެ ގަޑީގައި ދުވުމަކީ ކަށްޓަށް ލިބޭ އެކި ކަހަލަ އަނިޔާތަކުން ދުރުކޮށްދޭނެ ކަމެކެވެ. ހެނދުނު ދުވާނަމަ ދުވުމުގައި އަތްފައިގެ ކަށިތަކަށް ކުރާ ބާރު ބޮޑުތަނުން ކުޑަވެ ބުންވަރާއެކު ދުވުމަށް އެހީވެދެ އެވެ.
މެޓަބޮލިޒަމް ރަނގަޅު ކޮށްދޭ
މެޓަބޮލިޒަމްއަކީ އަހަރެމެންގެ ހަށިގަނޑަށް އެތެރެވާ ކާބޯތަކެތި ހަކަތައަށް ބަދަލުކޮށްދޭ ނިޒާމެވެ. ދުވަހުގެ ފެށުމަށް ދުވަން ދާނަމަ ދުވަހުގެ ބާކީއޮތް ބައިގައި ކާ ތަކެތިން ހަށިގަނޑަށް ހަކަތަ ލިއްބައިދީ ހަޖަމުގެ ނިޒާމަށް ވެސް ފަސޭހަ ކުރުވަ އެވެ. އެއާއެކު ބަރުދަން އިތުރުވުމުން ދުރު ކުރުވަ އެވެ.
މި ހުރިހާ ސަބަބުތަކަށް ބަލާއިރު ފަތިހު ފަތިސް ނަމާދު ކޮށްގެން 30 މިނެޓެއް ހާއިރު ބޭރުތެރޭގައި ދުވުމަކީ ސިއްހަތަށް ފައިދާހުރި ކަމެއް ކަމުގައި ދެންނެވިދާނެ އެވެ.