ސަރުކާރުގެ ވަޒީފާތަކުން ވަކިކުރާ މީހުންނަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރަން އިދިކޮޅު އެމްޑީޕީން ކޮމިޓީއެއް އެކުލަވާލައިފި އެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެކުލަވާލި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ އެމްޑީޕީގެ ނައިބު ރައީސް ހިސާން ހުސައިން އާއި އެ ޕާޓީގެ ލީގަލް ޑިރެކްޓަރު މަހުފޫޒް ސައީދާއި ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު މައުރޫފް ޒާކިރާއި އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާނެވެ.

ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމް ކޮމިޓީ އެކުލަވާލަން ހުށަހެޅި ގަރާރު ފާސްވީ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.

އަންވަރު ހުށަހެޅުއްވި ގަރާރުގައި ވަނީ މި ސަރުކާރުން އެކި މީހުން ވަޒީފާއިން ވަކިކުރަމުން ދަނީ އިންސާފެއް އިމެއް ނެތި ކަމަށެވެ.

މިރޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ކޮންމެ ހަފްތާއަކު އެއްފަހަރު ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަަށް ގަސްތުކުރައްވާ ކަމަށެވެ. އެ ބައްދަލުވުންތަކުގެ ބޭނުމަކީ ގައުމުގެ ހާލަތު ރައްޔިތުންނަށް ބަޔާންކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި އެމްޑީޕީ ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްތައް މި ސަރުކާރުން ހުއްޓާލާފައިވާތީ އެކަމާ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ޗެއާޕާސަން ފައްޔާޒް ވިދާޅުވީ ޕްރޮޖެކްޓްތައް ހިންގެންނެތުމުން އެ ވާހަކަ ނުދައްކަން ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށް އެ ޕާޓީގެ މަޖިލީސް މެމްބަރަކު އެސްއެމްއެސް މެދުވެރިކޮށް ހާމަކުރައްވާފައިވާ ކަމަށެވެ.