މިދިޔަ އަހަރު ރިލީޒް ކުރެވުނު ބޮލީވުޑްގެ ފިލްމު "އެނިމަލް"އަކީ އެ ފިލްމުގެ ލީޑް އެކްޓަރު ރަންބީރު ކަޕޫރުގެ ފިލްމީ ހަޔާތުގައި އޭނާ ފެނިގެންދިޔަ އެންމެ ކާމިޔާބު އެއް ފިލްމެވެ.
ބޮކްސް އޮފީހުގައި އެ ފިލްމަށް ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް ފިލްމުގައި ދައްކުވައިދީފައިވާ ގެވެށި އަނިޔާގެ މަންޒަރުތަކުގެ ސަބަބުން ރަންބީރުއަށާއި ފިލްމުގެ ޕްރޮޑިއުސަރުންނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. މިކަމާ ގުޅިގެން ރަންބީރުގެ ބަހެއް މިހާތަނަށް ލިބިފައި ނެތް ނަމަވެސް ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އެ ތަޖުރިބާއާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކާފަ އެވެ.
ރަންބީރު ބުނީ ފިލްމުގެ ސްކްރިޕްޓް ފުރަތަމަ ފަހަރަށް އަޑުއިވުމުން އޭނާ ވެސް ފަސްޖެހުނު ކަމަށާއި އެހެން ނަމަވެސް އެ ފުރުސަތުގެ ބޭނުންހިފީ މީގެ ކުރިން ކުޅެފައިނުވާ ފަދަ ރޯލެއް ކުޅެން ބޭނުންވެފައިހުރި ވަރުން ކަމަށެވެ.
"އެ ފިލްމަށް ގިނަ ބައެއްގެ ލޯބި ލިބުނު. އެކަމަކު އަދިވެސް އަހަންނާ ބައްދަލުވާ މީހުން ބުނޭ އެ ފިލްމު ގަބޫލު ކުރުމަކީ އަހަރެން ހެދި ގޯހެއް ކަމަށާއި އަހަރެންގެ ފަރާތުން އެފަދަ ކަމަކަށް އުއްމީދު ނުކުރާ ކަމަށް،" ރަންބީރު ބުންޏެވެ.
އޭނާ އިތުރަށް ބުނީ ސޯޝަލް މީޑިއާގައި ކަންތައްތައް މާ ބޮޑު ކޮށްލައިގެން ވާހަކަ ފެތުރުނު ކަމަށާއި އެއީ ސޯޝަލް މީޑިއާގެ ހަގީގަތް ކަމަށެވެ.
އެ އިންޓަވިއުގައި ރަންބީރު ވަނީ އޭނާގެ ފިލްމީ މަސައްކަތްތަކުގެ އިތުރުން ޒާތީ ހަޔާތާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. އެގޮތުން ރަންބީރު ވަނީ އޭނާގެ އާއިލާ ބަލަހައްޓަން އަންހެނުން އާލިއާ ބަޓް ވާ ގުރުބާނީ ފާހަގަކޮށްފަ އެވެ.