ދުނިޔޭގެ އެންމެ އުސް ފަރުބަދައިގެ އެކި ސަރަހައްދުގައި ހުރި މަރުވެފައިވާ ބައެއް މީހުންގެ ހަށިތައް ނޭޕާލް ސަރުކާރުގެ ހާއްސަ އޮޕަރޭޝަންއެއް ދަށުން ނަގައިފި އެވެ. މި އޮޕަރޭޝަންގައި ނޭޕާލްގެ ސިފައިންގެ މީހުންނާއި އެހީތެރިން ބަައިވެރިވި އެވެ.
ފަރުބަދަ މައްޗަށް ދުވާލު ގަޑީގައި އެރުމަށް މަސައްކަތް ކުރާ މީހުންނަށް އުނދަގޫ ނުކުރުމަށްޓަކައި މި ޓީމް ގިނައިން މަސައްކަތް ކޮށްފައިވަނީ ރޭގަނޑު ވަގުތު އެވެ. މި ހަށިތައް ނަގާފައި ވަނީ 8،000 މީޓަރު މަތިންނެވެ. މިއީ މި ފަރުބަދައިގެ "ޑެތް ޒޯން" އެއް ކަމަށް މާކްކޮށްފައިވާ ސަރަހައްދެކެވެ.
ހިމަލަޔާސް ފަރުބަދަ މައްޗަށް އެރުމަށް އަހަރަކު އެތައް ސަތޭކަ ބަޔަކު މަސައްކަތް ކުރެ އެވެ. އެކަމަކު މިއީ ގަދަ ފިނީގައި ކުރަންޖެހޭ ކަމެއް ކަމުން މިއީ ވަރަށް ނުރައްކާތެރިކަމެވެ.
ފަރުބަދަ މައްޗަށް އަރަން އުޅުމުގެ ތެރޭގައި މިހާތަނަށް 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން ގިނަ ހަށިތައް އަދިވެސް ފަރުބަދަ މަތީ އެބަހުއްޓެވެ. މި ކަމުގައި މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މި އަހަރުގެ މިހާތަނަށް އަށް މީހަކު ވަނީ މަރުވެފަ އެވެ. އަދި 2023 ވަނަ އަހަރު 18 މީހަކު މަރުވެފައިވާ ކަމަށް ނޭޕާލްގެ ޓޫރިޒަމް ޑިޕާޓްމަންޓުން ބުނެ އެވެ.
މި އޮޕަރޭޝަންގައި އިސްކޮށް އުޅުއްވި މޭޖާ އަދިތިޔާ ކަރްކީ ބުނިގޮތުގައި ހިމާލިޔާ ސަރަހައްދު ވަނީ ކުނިން ތަޣައްޔަރުވެފަ އެވެ. އަދި މަރުވެފައިވާ ހަށިތަކުގެ ސަބަބުން ނޭޕާލަށް ނުބައި ނަމެއް ލިބިފައިވާ ކަމަށެވެ.
ކޮންމެ ހަށިގަނޑެއް ނެގުމަށް އަސްކަރިއްޔާއިން މިއަހަރު ފަސް މިލިއަން ރުޕީސް (37،400 ޑޮލަރު ނުވަތަ 29،000 ޕައުންޑް) ކަނޑައަޅާފައިވެ އެވެ. ހަށިގަނޑެއް 8،000 މީޓަރުން ތިރިކުރަން ބާރަ މީހުން ބޭނުންވާއިރު، ކޮންމެ މީހަކަށް ވެސް ހަތަރު ސިލިންޑަރު އޮކްސިޖަން ބޭނުންވެ އެވެ. އެއް ސިލިންޑަރެއްގެ އަގަކީ 400 ޑޮލަރަށް ޖެހޭ އިރު، ހަމައެކަނި އޮކްސިޖަން އަށް 20،000 ޑޮލަރު ބޭނުންވެ އެވެ.
މި އޮޕަރޭޝަންގެ އަމާޒަކީ ފަރުބަދަ އަށް އަރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމެވެ.