ނިމިދިޔަ ސަރުކާރުގެ ނުފޫޒުގަދަ މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މުހިއްމުވެ ރާގު ބަދަލު ވެއްޖެ އެވެ.

އެސްއެސް ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ކަންކަން ހަމަމަގަށް އަޅުވަން ރައީސް މުހައްމަދު ނަޝީދަކީ ވަރަށް މުހިއްމު ބޭފުޅެއް ކަމަށާއި އެމަނިކުފާނު އެމްޑީޕީ ދޫކުރެއްވުމަކީ ހިޔާލަށް ވެސް ގެންނެވި ކަމެއް ނޫން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ މިހާރު ވެސް ރައީސް ނަޝީދުއާ ގާތް ގުޅުމެއް ބާއްވަވާ ކަމަށާ އަދި ޑިމޮކްރެޓްސްގެ ލީޑަޝިޕާ އެކު މަސައްކަތް ކުރެވިފައިވުމުން ގުޅުން ރަނގަޅު ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޑިމޮކްރެޓިކް ނިޒާމެއްގައި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރާ މިނިވަން ރައްޔިތަކު އުޅޭތަނެއްގެ ގޮތުގައި ހިފެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި އެމްޑީޕީން، ރައީސް ނަޝީދު އުފެއްދެވި ޑިމޮކްރެޓްސްއާ އެކު މަސައްކަތް ކުރުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ ލީޑާޝިޕުގައި ތިއްބެވި ބޭފުޅުން އެމްޑީޕީގައި ކުރެއްވި މަސައްކަތުން ގައުމަށް ހެޔޮ ބަދަލު އައިކަން ފައްޔާޒު ފާހަގަ ކުރެއްވި އެވެ.

"ދެ ފިކުރެއް ނޫން މީކީ ދެ ޕާޓީއެއްގައި ތިއްބަސް. ދެ ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރި ނަމަވެސް" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުސްތަގުބަލުގައި ފެންނަނީ ދެ ޕާޓީ އެކުގައި މަސައްކަތް ކުރާތަން ކަމަށެވެ. ނަމަވެސް އެއީ ކޮން ގޮތަކަށް ކަމެއް އަދި ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އުފެއްދި ދުވަސްވަރު ރައީސް ނަޝީދު އެމްޑީޕީ ރޫޅާލައްވާނެ ކަމަށް ޖަލްސާއެއްގައި ވިދާޅުވުމުން ފައްޔާޒު ވިދާޅުވެފައި ވަނީ އެމްޑީޕީއަކީ އެތައް ބައެއްގެ ވިސްނުން ކަމަށާއި، އެ ޕާޓީން އުފެއްދި މީހުންގެ ވިސްނުމަކީ އެއީ ނަޝީދުގެ އާއިލާ އާއި ނަޝީދަށް އުފައްދައިދޭ ޕާޓީއަކަށް ވުން ނޫން ކަމުގަ އެވެ.

އެމްޑީޕީ ހިންގާލާނެ ކަމަށް ވިދާޅުވެ ޕާޓީގެ ޗެއާޕާސަންކަމާއި ހަވާލުވެވަޑައިގެން، ނަޝީދު ނެތަސް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ފައްޔާޒު ވިދާޅުވި ނަމަވެސް އެމްޑީޕީ ރޫޅި ބައިބައިވެ، ރިޔާސީ އިންތިހާބު ނާކާމިޔާބުވި އެވެ.