8 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު، ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޕްރިތީ ޒިންތާ އަލުން ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރު ވެއްޖެ އެވެ.
އޭނާ އެނބުރި އަންނަނީ ރާޖްކުމާރު ސަންތޯޝީގެ ކުރިއަށް އޮތް ފިލްމު "ބަޓްވާރާ 1947" އިންނެވެ. މި ފިލްމުގައި އޭނާއާއެކު ފެނިގެންދާނީ ސަނީ ޑިއޯލް އެވެ.
ފިލްމު ރިލީޒް ކުރުމުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަމުން ޕްރިތީ ބުނީ، ކެމެރާގެ ކުރިމައްޗަށް އަލުން އަންނަން ޖެހުމުން ފުރަތަމަ ދުވަހު ވަރަށް ބޮޑަށް ޖެހިލުންވި ކަމަށެވެ.
ފިލްމުގެ ފުރަތަމަ ދުވަހު ޑައިރެކްޓަރު ސަންތޯޝީ އޭނާއަށް ދިނީ މުޅި ފިލްމުގައިވެސް ހިމެނޭ އެންމެ އުނދަގޫ އެއް މަންޒަރު ކަމަށް ވުމުން، ބިރުން ތުރުތުރު އެޅި ކަމަށް އޭނާ އެއްބަސްވި އެވެ. ނަމަވެސް، ސަނީގެ އެހީތެރިކަމާއެކު އެކަން ފަސޭހަވި ކަމަށް އޭނާ ފާހަގަކުރި އެވެ.
2018 ވަނަ އަހަރުގެ ފިލްމު "ބައްޔާޖީ ސުޕަހިޓް" އަށްފަހު ފިލްމީ ދާއިރާއާ ދުރުގައި ހުރި ނަމަވެސް، އެ މުއްދަތުގައި އެކްޓް ކުރުމުގެ މަތިން މާބޮޑަށް ހަނދާން ނުވާ ކަމަށް ޕްރިތީ ބުންޏެވެ.
"އަސްލު ތެދަށް ބުނާނަމަ، ފިލްމުތަކެއް މަތިން ހަނދާނެއް ނުވޭ. އާއިލާއާއެކު ވަގުތު ހޭދަކުރުމާއި، ދަރިން ލިބި އަމިއްލަ ދިރިއުޅުމަށް އިސްކަން ދެވުމުން އެކަމާ ވަރަށް އުފާވި. މަސައްކަތުގެ ހަޔާތުގައި ކެރިއަރުގެ ކޮންމެ ކާމިޔާބީއެއް ލިބުނު ކަމުގައި ވިޔަސް، މަގޭ ހަޔާތުގެ އެންމެ ބޮޑު ކާމިޔާބީއަކީ ދަރިން ލިބުން،" ޕްރިތީ ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި މަންމައަކަށް ވުމަކީ "ބަޓްވާރާ 1947"ގައި އޭނާ ކުޅޭ ކެރެކްޓާ އިތުރަށް ދެނެގަނެ، އެ ކެރެކްޓާއާ ގުޅުން ބަދަހި ކުރަން ލިބުނު ބޮޑު އެހީ އެކެވެ.
މި ފިލްމުގައި އޭނާ ކުޅެނީ 1947 ގެ އިންޑިއާ - ޕާކިސްތާން ބައި ކުރުމުގެ ދުވަސްވަރު ލާހޯރުގައި އުޅޭ މުސްލިމް އަންހެނެއްގެ ރޯލެވެ.
ސަނީއާއި ޕްރިތީގެ އިތުރުން ޝަބާނާ އަޒްމީ އަދި އަލީ ފަޒަލް ފަދަ ތަރިން ފެނިގެންދާ "ބަޓްވާރާ 1947" ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 14ގަ އެވެ. މި ފިލްމުގެ މިއުޒިކް ތައްޔާރު ކޮށްފައިވަނީ އޭއާރު ރަހްމާން އެވެ.
ހުސްފަޔާ ހިނގުން: ދުޅަހެޔޮ ސިއްހަތަކަށް އޮތް ސިއްރެއް!
ޔާމީންގެ ވެރިކަމުގައި މުޅި ދައުލަތް ހިންގެވީ މުއިއްޒު: ޝުޖާއު