ޓޫރިޒަމް އިންޑަސްޓްރީއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައި ހުސައިން ޝަރީފް (ބޮލިފުށި ޝަރީފް) އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ އާއިލާއަށް ރައީސް މުހައްމަދު މުއިއްޒު ތައުޒިޔާ ދަންނަވައިފި އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ މަރުހޫމް ހުސައިން ޝަރީފަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ތަޖްރިބާކާރު ގައުމީ ހިދުމަތްތެރިއެއް ކަމަށާއި މިސްކިތް ބިނާކުރެއްވުމާ، ނިކަމެތީންނަށާއި ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުން ފަދަ ކަންކަމުގައި އިހްސާންތެރި ބޭފުޅެއް ކަމަށެވެ.
"ހުސައިން ޝަރީފް އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ އާއިލާއަށް ތައުޒިޔާ ދަންނަވައި ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުއާކުރަމެވެ. ސުވަރުގޭގެ ދާއިމީ ނިއުމަތުގައި، މާތްﷲގެ ތަނަވަސްވެގެންވާ ރަހްމަތާ ނިއުމަތުގައި މަރުހޫމް ހުސައިން ޝަރީފް ލަހައްޓަވާށިއެވެ. އާމީން" ރައީސްގެ މެސެޖްގައި ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ މަގުބޫލު ރިސޯޓްތަކެއް ހިންގަވާ އަދި އިބްރާހިމީ މިސްކިތް ބިނާކުރެއްވި ހ. މިރިހި, ހުސައިން ޝަރީފް އަވަހާރަވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެގެ ވަގުތެއްގަ އެވެ.