ބޮލީވުޑްއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް މުނިފޫހި ފިލުވުގެ ދާއިރާ ނަމަވެސް އެ ދާއިރާގައި ކާމިޔާބު ހޯދުމަށްފަހު އާއްމު ލޯތަކުން ދުރުވެ ދިރިއުޅުން ހޭދަކުރާ ތަރިން ވެސް މަދެއް ނޫނެވެ.
އެގޮތުން ބޮލީވުޑްގައި މަސައްކަތް ކުރުމަށްފަހު އިންޑިއާ ދޫކޮށް އެހެން ގައުމުތަކަށް ދިރިއުޅުން ބަދަލު ކުރުމަކީ ބޮލީވުޑް ތަރިންގެ މެދުގައި އާއްމު ކަމެކެވެ. އެފަދަ ބައެއް ތަރިންނަށް ބަލާލާނަމެވެ.
ޕްރިޔަންކާ ޗޯޕްރާ
އުމުރުން 10 އަހަރު ހަގު އިނގިރޭސި ލަވަކިޔުންތެރިއެއް ކަމަށްވާ ނިކް ޖޯނަސްއާ 2018 ވަނަ އަހަރު ކައިވެނި ކުރުމަށްފަހު ޕްރިޔަންކާ އޭނާގެ ދިރިއުޅުން ބަދަލުކުރީ އެމެރިކާގެ ލޮސް އެންޖެލަސް އަށެވެ. މިހާރު ޕްރިޔަންކާ އާއި ނިކް އެމީހުންގެ ދަރިފުޅު މަލްތީއާއެކު އުޅެނީ ވެސް އެ ސިޓީގަ އެވެ.
ސެލީނާ ޖެއިޓްލީ
ފިލްމު "ނޯ އެންޓްރީ"އިން އާއްމުންގެ މަގުބޫލުކަން ހޯދި ސެލީނާ ޖެއިޓްލީ އޭނާގެ ފިރިމީހާ ޕީޓާ ހާގް އާއި އެމީހުންގެ ތިން ދަރިންނާއެކު ދިރިއުޅެމުން އަންނަނީ ދުބާއީގަ އެވެ.
މަލިކާ ޝަރާވަތު
އެއް އިރެއްގައި ބޮލީވުޑްގެ އެންމެ އުއްމީދީ ތަރިއެއްގެ ގޮތުގައި ބެލެވުނު މަލިކާ ޝަރާވަތު މިހާރު ދިރިއުޅެމުން އަންނަނީ އެމެރިކާގެ ލޮސް އެންޖެލަސްގަ އެވެ. އޭނާގެ އަތުގައި އެމެރިކާގެ ޕާސްޕޯޓު އޮންނައިރު ސޯޝަލް މީޑިއާއިން މަލިކާގެ ދިރިއުޅުމުގެ ބައެއް އުސް އަލިތައް މަދު މަދުން ނަމަވެސް ފެނެ އެވެ.
ޕްރިތީ ޒިންތާ
2000ގެ ކުރީކޮޅު ބޮލީވުޑްގެ ކާމިޔާބު ގިނަ ފިލްމުތަކަކުން ފެނިގެން ދިޔަ ޕްރިތީ ޒިންތާ ވެސް އެމެރިކާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖީން ގުޑްއިނަފްއާ 2016 ވަނަ އަހަރު ކައިވެނި ކުރުމަށްފަހު ފިލްމީ ދާއިރާ ދޫކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލުކުރި އެވެ.
މީނާކްޝީ ސެޝާދަރީ
ފިިލްމު "ދާމިނީ"އިން އާއްމުންގެ ބޮޑު ސަމާލުކަމެއް ހޯދި މިނާކްޝީއާއި އޭނާގެ ފިރިމީހާ ހަރީޝް މައިސޫރް އެމީހުންގެ ދެ ދަރިންނާއެކު ދިރިއުޅެނީ އެމެރިކާގެ ޓެކްސަސްގަ އެވެ. އެތަނުގައި މީނާކްޝީ އަންނަނީ އިންޑިއާގެ ނެށުމެއް ކަމަށްވާ "ބާރަޓްނަޓްޔަމް"އާއި "ކަތަކް" ކްލާސްތައް ނަގައިދެމުންނެވެ.