އިންޑިއާގެ ދެ ތަރިން ކަމަށްވާ ޕްރިންސް ނަރޫލާ އާއި ޔޫވިކާ ޗައުދަރީ އަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާންކޮށްފި އެވެ.
ރިއަލިޓީ ގިނަ ޝޯތަކުން ފެނިފައިވާ ޕްރިންސް އާއި ބޮލީވުޑް ބައެއް ފިލްމުތަކުގައި ފެނިފައިވާ ބަތަލާ ޔޫވިކާއަށް ދަރިއަކު ލިބެން އުޅޭކަން އިއުލާން ކޮށްފައިވަނީ އެމީހުންގެ އޮފިޝަލް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯއަކުންނެވެ.
ފުރަތަމަ ފޮޓޯގައި ފެންނަނީ އެއްވައްތަރުގެ ކުޑަ އަދި ބޮޑު ރަތްކުލައިގެ ކާރެއް ބާއްވާފައި އޮންނަ ތަނެވެ. ދެވަނަ ފޮޓޯގައި ފެންނަނީ ކާރުތަކާ ދިމާއަށް ބަލަހައްޓައިގެން ޕްރިންސް ހުންނަ މަންޒަރެވެ.
މިހަބަރާއެކު އިންޑިއާގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަންނާނުން އަންނަނީ އެމީހުންނަށް މަރުހަބާ ކިޔަމުންނެވެ.
ޕްރިންސް އާއި ޔޫވިކާ ބައްދަލުވީ ރިއަލިޓީ ޝޯ ބިގް ބޮސް 9 އިން ކަމަށާއި، ދެތިން އަހަރު ދުވަހު ރައްޓެހިވުމަށް ފަހު އެދެމަފިރިން ކައިވެނި ކުރީ 2018 ވަނަ އަހަރު ކަމަށެވެ. ބިގް ބޮސް 9 ކާމިޔާބު ކުރީ ޕްރިންސް އެވެ.
ޔޫވިކާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ނޯޓީ އެޓް 40"، "ސަމާ 2007" އަދި މި އަހަރު ރިލީޒްކުރި "ވީރޭ ވީ ވެޑިން" ހިމެނެ އެވެ.
ޕްރިންސްއަކީ އެމްޓީވީގެ ރޯޑީޒް އާއި ސްޕްލިޓްވިލާ ފަދަ ޝޯތައް ކާމިޔާބުކޮށް މިހާރު އެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ފަންނާނެކެވެ. އަދި އޭނާއަކީ އެމްޓީވީން ގެނެސްދޭ "ރޯޑީޒް" ގެ މެންޓޯއެއް ވެސް މެ އެވެ.