މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔުމަށް ހައްޖު ކޯޕަރޭޝަނުން ހަވާލުވި ހުރިހާ ހައްޖުވެރިންނަށް ވެސް ވެކްސިންތައް ފުރިހަމަ ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ހައްޖު ކޯޕަރޭޝަނުން މިފަދައިން ބުނީ ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ހައްޖުގެ އަޅުކަމަށް ފަހު މެނިންގޯކޮކަލް ބަލީގައި މިއަދު ނިޔާވުމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ. ބަކާ ހައްޖަށް ދިޔައީ ސައުދީ ރަސްގެފާނުގެ ހަރަދުގައި މި އަހަރު ގެންދިޔަ މީހުންގެ ގުރޫޕުގަ އެވެ.
ހައްޖު ކޯޕަރޭޝަނުންގެ ބަޔާނުގައި ބުނެފައި ވަނީ އެ ކޯޕަރޭޝަނުން ހަވާލުވި ހުރިހާ ހައްޖުވެރިން މެނިންގޯކޮކަލް ބަލިން ދިފާއުވުމަށް ޖަހާ މެނިންޖައިޓިސް ވެކްސިން އާއި ޕޯލިއޯ އާއި އިންފްލުއެންޒާ ވެކްސިން ވެސް ސައުދީގެ ހައްޖު މިނިސްޓްރީގެ ގައިޑްލައިނާ އެއްގޮތަށް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ކުންފުނީގެ މެނޭޖްމަންޓުން އެންމެ އިސްކަންދޭ ކަންތައްތައް ކަމަށެވެ.
މެނިންގޯކޮކަލް ބަލި ރާއްޖޭގައި ފެތުރުން ހުއްޓުވުމަށް ކޮންޓެކްޓްޓްރޭސިން ހެދުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންނަނީ ކުރަމުންނެވެ.
އެ ބައްޔަކީ މެނަންޖައިޓިސް ނަމަކަށް ކިޔާ ބެކްޓީރިއާގެ ސަބަބުން ޖެހޭ ބައްޔެކެވެ. ފުރާނައަށް ނުރައްކާވާ މި ބަލި ޖެހިފައިވާ މީހާއާ އެންމެ ގާތްކޮށް އުޅޭ މީހުންނަށް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މި ބަލީގެ އަލާމާތްތައް ބަލި ޖެހޭތާ 10 ދުވަސްވުމުގެ ކުރިން ފެންނާނެ އެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ބޮލުގައި ރިއްސުމާއި ކަނދުރާ ވާންވުމާއި މޭނުބައިކޮށް ހޮޑުލެވުމާއި ވާނުވާ ނޭނގޭ ގޮތްވުމާއި ގައިގައި ރަތް ބިހި ނުވަތަ ލައްތަކެއް ނެގުމާއި ފިޓުޖެހުމާއި އަލި ގަދަވުމުން އުނދަގޫވުމާއި ވަރުދެރަވުމާއި ނޭވާ އަވަސްވުން ހިމެނެ އެވެ.
މި ބައްޔާ ގުޅޭގޮތުން މިހާތަނަށް ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައިނުވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.