ބަރުދަން އިތުރުވުމުން އާއްމުންނާއި މީޑިއާގެ ފަރާތުން ކުރިމަތިވި ފުރައްސާރައާ ބެހޭ ގޮތުން ބޮލީވުޑްގެ ތަރި ފަރުދީން ޚާން ވާހަކަ ދައްކައިފި އެވެ.
ދާދި ފަހުން އިންޑިއާގެ ޒޫމް ޓީވީއަށް ދިން އިންޓަވިއުއެއްގައި ފަރުދީން ބުނީ އެ ދުވަސްވަރު އޭނާއަށް ވަރަށް ގިނައިން ފުރައްސާރަ އަމާޒުވި ކަމަށާއި އެހެން ނަމަވެސް އެއީ ކީއްވެކަން އޭނާއަށް ވިސްނޭ ކަމަށެވެ.
"މުޅި އިންޓަނެޓުގައި އޮތީ އަހަރެންގެ ވާހަކަ. ރަނގަޅު ވާހަކަތަކެއް ނޫން. މީހުންނަށް އެހެން މީހުންގެ ތަކުލީފު ވަނީ މަޖަލަކަށް،" ފަރުދީން ބުންޏެވެ.
މީގެ ހަތަރު އަހަރު ކުރިން، 2010 ވަނަ އަހަރު ނުކުތް "ދުލްހާ މިލްގަޔާ"ގެ ފަހުން އަހަރުތަކެއް ވަންދެން ފަރުދީން ގެއްލިފައި ހުރުމަށްފަހު މީޑިއާގެ ސަމާލުކަމަށް އޭނާ އައީ މީގެ ދެތިން އަހަރު ކުރިންނެވެ.
އޭރު އޭނާގެ ބަރުދަން އިތުރުވެ އަސްލު ސިފަ ވަކި ކުރަން އުނދަގޫވާ ވަރަށް ހަށިގަނޑަށް ބަދަލު އައިސްފައި ހުއްޓެވެ.
އެހެން ނަމަވެސް އޭގެ ފަހުން ފަރުދީން ވަނީ ސިއްހީ ރަނގަޅު އާދަތަކެއް ދިރިއުޅުމަށް އެކުލަވައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު ފަރުދީން އެންމެ ފަހުން ފެނިގެންދިޔައީ ވެބް ސީރީޒް "ހީރާމަންޑީ" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރު ޑައިރެކްޓްކުރާ "ކޭލް ކޭލް މެއިން" ހިމެނެ އެވެ.