ރާއްޖޭގައި ތިބި އިޒްރޭލުގެ މީހުން ފޭބުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން އަންގައިފި އެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓްރީން މިގޮތަށް އަންގާފައިމިވަނީ އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ސަރުކާރުން މަނާކުރަން ނިންމާފައިވާ ވަގުތެއްގަ އެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖޭގައި ތިބި އިޒްރޭލުގެ މީހުން ވަގުތުން ފޭބުމަށް އިލްތިމާސްކުރާ ކަމަށެވެ. އެއީ އިޒްރޭލު މީހުން ރާއްޖޭގައި ތިއްބައި ކުރިމަތިވެދާނެ ކަމަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތިވާނެ ކަމަށް ވެސް އެގައުމުން ބުނެފި އެވެ. އަދި އެހެން ގައުމެއްގެ ޕާސްޕޯޓު އޮންނަ އިޒްރޭލްގެ ރައްޔިތަކު ވިޔަސް ރާއްޖެ އަށް ޒިޔާރާތް ނުކުރުމަށް ވަނީ އެދިފަ އެވެ.
ރާއްޖެ އަށް މިދިޔަ އަހަރު އިޒްރޭލުން އައިސްފައި ވަނީ ގާތްގަނޑަކަށް 11،000 ޓޫރިސްޓުންނެވެ. އެކަމަކު، އެއީ އޭގެ ކުރީ އަހަރަށް ވުރެ 30 ޕަސެންޓު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ އޭޕްރީލް މަހާ ހަމައަށް އިޒްރޭލުން އައީ 528 ޓޫރިސްޓުންނެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާ ކުރަން ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ އިއްޔެ އެވެ. އެ މަރުހަލާ ކުރިއަށް ގެންދަން ވަޒީރުންގެ މަޖިލީހުން ވަނީ ކޮމިޓީއެއް އެކުލަވައިލާފަ އެވެ.
އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ގޮވާލައި 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސް ކޮށްފައި ވާއިރު، އަލަށް ހުވާކުރި 20 ވަނަ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވަނީ އިމިގްރޭޝަން ގާނޫނު އިސްލާހުކޮށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ބިލެއް ހުށަހަޅުއްވާފަ އެވެ.
އިއްޔެ ކެބިނެޓް ނިންމި އިތުރު ކަންތައްތަކަކީ:
- ފަލަސްތީނާއި އިޒްރޭލްގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ފަލަސްތީނުގެ ފަރާތުން އެދޭކަންކަން ދެނެގަތުމަށް ރައީސް ސްޕެޝަލް އެންވޯއިއެއް ކަނޑައަޅުއްވަން ނިންމެވުން.
- ޔޫއެން ރިލީފް އެންޑް ވޯކްސް އެޖެންސީ މެދުވެރިކޮށް ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމުން.
- "ފަލަސްތީނާއިއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ނިންމުން.
- ދިވެހިރާއްޖެއިން އިސްނަގައިގެން ފަލަސްތީނުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށްޓަކައި އިސްލާމީ ގައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމުން.