ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ރައްޔިތުން ރާއްޖެ އައުން މަނާކުރުމަކީ އެތައް ހާސް ދިވެހިން ގޮވާލަމުންދިޔަ ގޮވާލުމެކެވެ. އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން އެކަމަށް ދިވެހިން އަޑުއުފުލަމުން ދަނިކޮށް ސަރުކާރުން މިއަދު ނިންމި ނިންމުމުން ވެސް އަނެއްކާވެސް ކުރަން ޖެހުނީ ދިގު އިންތިޒާރެކެވެ.
ސަރުކާރުން ނިންމީ އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނު އިސްލާހު ކުރުމަށެވެ. އެހެންކަމުން ގާނޫނު ފާސްވެ, އަމަލުކުރަން ފަށަންދެން އިޒްރޭލްގެ ރައްޔިތުންނަށް އަދިވެސް ރާއްޖެ އެތެރެވެވޭނެ އެވެ. ނަމަވެސް ވަގުތުން ވަގުތަށް އިޒްރޭލްގެ ޕާސްޕޯޓް މަނާ ނުކުރީ ކީއްވެގެންތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ގާނޫނު އިސްލާހުކޮށްގެން ނޫނީ އިޒްރޭލްގެ ޕާސްޕޯޓް މަނާ ނުކުރެވޭނެ ކަމަށް އެޓާނީ ޖެނެރަލް ލަފާ ދެއްވާފައިވާ ކަމަށެވެ. މިނިސްޓަރު އެގޮތަށް ވިދާޅުވި ނަމަވެސް ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނު އޮންނަ ގޮތުން އެކަން މިއަދު ވެސް ކުރެވިދާނެ އެވެ.
އިމިގްރޭޝަން ގާނޫނު ބުނާގޮތުން ރާއްޖެ އެތެރެވާން އަންނަ ބިދޭސީއަކަށް އެ ގާނޫނުގެ މަގްސަދުތައް ރައްކާތެރި ކުރުމަށްޓަކައި ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދިނުމުގެ ބާރު އިމިގްރޭޝަން ކޮންޓްރޯލަރަށް ލިބިގެންވެ އެވެ. އެ ގާނޫނު އޮންނަ ގޮތުން ރާއްޖޭގެ އިޖްތިމާއީ އަދި ދީނީ އެއްބައިވަންތަކަން ގެއްލިދާނެ ފަދަ މީހުން ރާއްޖެ އެތެރެވުން މަނާކުރުމުގެ ބާރު ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެންވެ އެވެ. އަދި މިގޮތަށް ބައެއް މީހުން ރާއްޖެ އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލުމަކީ ކުރިން ވެސް އަމަލުކުރި އުސޫލެކެވެ.
އިޒްރޭލްގެ ރައްޔިތުން ރާއްޖެ އަންނާތީ އެކަމާ މެދު މިދުވަސްވަރު ދިވެހިންގެ މެދުގައި ނަފްރަތު އުފެދިފައިވާއިރު, އިމިގްރޭޝަންގެ ގާނޫނުގައި އެ ބުނާ ދިވެހިންގެ އިޖްތިމާއީ އަދި ދީނީ އެއްބައިވަންތަކަން ގެއްލިދާނެތީ އެކަމުގެ މައްޗަށް ބިނާކޮށްގެން އިޒްރޭލްގެ ޕާސްޕޯޓް މަނާ ކުރެވިދާނެ އެވެ. އެހެންކަމުން އިޒްރޭލްގެ ޕާސްޕޯޓްގައި އަންނަ ކޮންމެ މީހަކު ރާއްޖެ އެތެރެވިޔަ ނުދީ ފޮނުވާލުމުގެ ބާރު ދިވެހި ސަރުކާރަށް މިހާރު ވެސް އެބައޮތެވެ. އަދި މިކަމަށް ގާނޫނަށް އިސްލާހު ގެނައުމަކީ މިވަގުތަށް ކޮންމެހެން ކުރަން މަޖުބޫރު ކަމެއް ވެސް ނޫނެވެ.
ރާއްޖެ ފަދަ އިސްލާމީ ގައުމުތައް ކަމަށްވާ ޕާކިސްތާނާއި އީރާނާއި ބަންގްލަދޭޝް ފަދަ ގައުމުތަކުން މިހާރު ވެސް އޮންނަނީ އިޒްރޭލްގެ ރައްޔިތުން އެ ގައުމަށް ވަނުން މަނާކޮށްފަ އެވެ. އަދި ޕާކިސްތާނާއި ބަންގްލަދޭޝްގެ ރައްޔިތުން އިޒްރޭލަށް ދަތުރުކުރުން ވެސް އޮންނަނީ މަނާކޮށްފަ އެވެ.
އިޒްރޭލްގެ ޕާސްޕޯޓްގެ މަނާ ކުރުމުގެ މައްސަލާގައި ސަރުކާރުން މިއަދު ނިންމުމުގެ ސަބަބުން އަނެއްކާވެސް ރައްޔިތުންނަށް ޖެހުނީ ދިގު އިންތިޒާރަކަށް ދާށެވެ. ނަމަވެސް މިކަމަކީ މިހާރު ވެސް ވަގުތުން ވަގުތަށް ސަރުކާރަށް ތަންފީޒު ކުރެވެން އޮތް ނިންމުމެވެ.