މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު މަގާމާ ހަވާލުވެވަޑައިގަތް އިރު ޕީއެސްއެމްގެ ދަރަނި ހުރީ 261 މިލިއަން ރުފިޔާގައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒީނާ ވިދާޅުވީ އާ މެނޭޖްމަންޓް ހިންގުމާ ހަވާލުވުމާ ހަމައަށް 261 މިލިޔަން ރުފިޔާ ދަރަނީގެ ގޮތުގައި އޮތް އިރު، 122 މިލިއަން ރުފިޔާއަކީ ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް ދައްކަން ޖެހޭ ދަރަނި ކަމަށެވެ. އަދި އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް 26 މިލިއަން ރުފިޔާގެ ދަރަނި ދައްކަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ޒީނާ ވިދާޅުވީ މި ދަރަނީގެ ތެރޭގައި ބައިނަލްއަގުވާމީ އެކި ފަރާތްތަކަށް ދައްކަން ޖެހޭ 24 މިލިއަން ރުފިޔާ އާއި ލޯންގެ ގޮތުގައި ނަގާފައިވާ 87 މިލިއަން ރުފިޔާ ވެސް ހިމެނޭ ކަމަށެވެ.
ޒީނާ ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ތެރެއިން ނުވަ މިލިއަން ރުފިޔާ ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ.
އެ ކުންފުނީގެ ދުވަހުން ދުވަހަށް ކުރާ ހަރަދު 20 ޕަސެންޓަށް މިހާރު ކުޑަކޮށްފައިވާ އިރު، ބައެއް ބްރޮޑްކާސްޓިން ފީ އާއި ލައިސެންސް ފީތައް ނުދައްކާތީ އަރަމުންދިޔަ ޖޫރިމަނާތައް ހުއްޓުވުމަށް ބައެއް ލައިންސެންސް ދޫކޮށްލާފައިވާ ކަމަށް ޒީނާ ވިދާޅުވި އެވެ.
އަދި ކުންފުނީގެ ބޭރުން މީހުން ނަގައިގެން ކުރަމުން ދިޔަ ގިނަ މަސައްކަތްތައް އިންޓަރނަލައިޒްކޮށް، މިފަދަ މަސައްކަތްތަކަށް ކުންފުނީގެ ދާއިމީ މުވައްޒަފުން ބޭނުންކުރަން ފަށާފައިވާ ކަމުގައި ޒީނާ ވިދާޅުވި އެވެ.
ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރު ކުރާނެ ގޮތްތަކެއް ކަނޑައެޅުމަށްޓަކައި އެކަމަށް ދުރު ރާސްތާގެ މާސްޓާ ޕްލޭނެއް ރާވަމުން އަންނަ ކަމަށް ޒީނާ ވިދާޅުވި އެވެ.