ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މެއި 14 ވަނަ ދުވަހު މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ފަސް މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރާއި 45 އަހަރާ ދެމެދުގެ ފަސް ފިރިހެނުން ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް އެ މީހުން ތިބި އެޕާޓްމަންޓު ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 29 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.
ޑްރަގް އެންފޯސްމަންޓުން މި މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.