އައިޖީއެމްއެޗްގެ މުވައްޒަފުންނާއި ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް އެމީހުންގެ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ފަދަ އަމަލުތައް ހިންގާ ފަރާތްތަކާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ހޮސްޕިޓަލުން ދީފި އެވެ.
އައިޖީއެމްއެޗް އިން މި އިންޒާރު ދީފައި މިވަނީ އެ ހޮސްޕިޓަލްގައި ވިހޭ ތުއްތު ކުއްޖަކަށް ފަރުވާ ދިނުމުގައި އެކަށީގެން ނުވާ ގޮތްތަކަކަށް ހޮސްޕިޓަލްގެ މުވައްޒަފުން އަމަލުކުރި ކަމަށް ބުނެ އެކަމާ ހިތްހަމަނުޖެހިން ކުއްޖާގެ އާއިލާގެ ބަޔަކު ސޯޝަލްމީޑިއާ އާއި އާންމު ބައެއް މީޑިއާތައް ބޭނުންކޮށްގެން ކުރަމުންދާ ކަންކަމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.
އައިޖީއެމްއެޗްގެ ބަޔާނުގައި ބުނީ ބަލި މީހުންނަށް ފަރުވާ ދިނުމަށް އެ ހޮސްޕިޓަލްގެ މުވައްޒަފުން އަމަލުކުރަނީ މެޑިކަލް ޕްރެޓިސްގައި އަމަލުކުރަމުން އަންނަ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. ސޯޝަލްމީޑިއާގައި ފެންމަތިކޮށްގެން އުޅޭ މައްސަލައިގައި ވެސް ތުއްތު ކުއްޖާއަށް ބޭސް ދިނުމާއި ފަރުވާއާ ގުޅުންހުރި އެހެނިހެން ކަންކަން ބަލިމީހާގެ އާއިލާއާ މަޝްވަރާކުރެވި ތަފްސީލްކޮށް ކިޔައިދެވިފައިވާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"ސޯޝަލްމީޑިއާގައި ބަލި މީހެއްގެ ހާލަތާއި ފަރުވާއާ ބެހޭ ގޮތުން ވަކި ގޮތަކަށް ވާހަކަ ދެކެވުނު ނަމަވެސް ބަލި މީހުންގެ ބަލީގެ ހާލަތާއި ދީފައިވާ ފަރުވާގެ ތަފްސީލްތަކަކީ އާންމުކޮށް ސޯޝަލްމީޑިއާގައި ހޮސްޕިޓަލުން ހާމަކުރާ މައުލޫމާތެއް ނޫނެވެ،" އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.
އައިޖީއެމްއެޗް އިން ބުނީ ފަރުވާދޭއިރު ހިތްހަމަނުޖެހޭ ގޮތަކަށް ނުވަތަ ރަނގަޅު ނޫން ގޮތަކަށް ފަރުވާގެ ކަމެއް ކުރިއަށްދާހެން ބަލި މީހަކަށް ނުވަތަ އެހީތެރިންނަށް ހީވާނަމަ ނުވަތަ އެފަދަ ކަމެއް ފާހަގަކުރެވޭނަމަ އެކަންކަން އިތުރަށް ސާފުކޮށް، އޮޅުންފިލުވޭނެ އިންތިޒާމުތައް ހުންނާނެ ކަމަށެވެ. އަދި އެއަށްފަހު ވެސް މައްސަލައެއް އޮތް ނަމަ އެ މައްސަލައެއް ހޮސްޕިޓަލްގެ ކަމާގުޅޭ ފަރާތްތަކަށް ވަގުތުން ވަގުތަށް ހުށަހެޅޭނެ އިންތިޒާމުތައް ހޮސްޕިޓަލްގައި ވެސް ހަމަޖެހިފައި ހުންނާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ހިތްހަމަނުޖެހޭ ހާލަތެއް ދިމާވުމުން މިއިން މަގެއް ހިޔާރުކުރުމުގެ ބަދަލުގައި ސޯޝަލްމީޑިއާގައި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެ ހާދިސާއަކާ ގުޅުވައި މި ހޮސްޕިޓަލްގައި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމަށް އެޅޭފަދަ އަމަލުތައް މި ހޮސްޕިޓަލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މިފަދައިން ކުރާ އަމަލުތަކާ ގުޅިގެން ހޮސްޕިޓަލުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައިވެސް ދަންނަވަމެވެ،" އައިޖީއެމްއެޗްގެ ބަޔާނުގައިވެ އެވެ.
ޝޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކާކުކަން ނޭނގޭ އައިޑީއަކުން ކުރި ޕޯސްޓެއް ބުނެފައި ވަނީ އައިޖީއެމްޗުގައި ވިހެއި ތުއްތު ކުއްޖެއްގެ ލޭގެ ޓެސްޓުތައް ހެދުމުން އެ ކުއްޖާގެ އެއްވެސް އިންފެކްޝަނެއް ނެތްކަން އެނގުމުން ވެސް ނޭވާލުން އަވަސް ކަމަށް ބުނެ އެ ކުއްޖާ އަށް އެންޓިބަޔޮޓިކްސް ދީފައިވާ ކަމަށެވެ. ކުއްޖާގެ މަންމަ އެކަން ހުއްޓުވަން އުޅުމުން އެއީ ކުޑަކުއްޖެއްގެ ހައްގަކަށް އަރައިގަތުން ކަމަށާއި ޑޮކްޓަރު ކަމާ ބެހޭ އިދާރާ އަށް އެ މައްސަލަ ރިޕޯޓްކުރާނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށް އާއިލާ އިން ތުހުމަތު ކުރި އެވެ. އޭގެ ފަހުން ކުއްޖާ މަންމައާ ދުރުގައި ބޭއްވީ ކަމަށް އާއިލާ އިން ބުންޏެވެ.
އެ ޕޯސްޓުގައި ބުނި ގޮތުގައި، ހަކުުރު ދަށްވެގެން ކަމަށް ބުނެ އެ ކުއްޖާ ނާސަރީ އަށް ލި އެވެ. އޭގެ ދެ ގަޑިއިރު ފަހުން ހަކުރު ހުރި ވަރު ރަނގަޅު ކަމަށް އެންގި ކަމަށް އާއިލާ އިން ބުނެ އެވެ. ނަމަވެސް އެ ކުއްޖާ އަށް އެންޓިބަޔޮޓިކްސް ދޭން ޖެހޭ ކަމަށް އަންގައި ބޭސް ދިނުމަށް ފަހު ކުއްޖާ އަށް ރޯވޭތީ ކަމަށް ބުނެ އަނގަމަތީގައި ފޮތިގަނޑެއް ވެސް ބޭއްވި ކަމަށް ބުންޏެވެ.