އެއާ އެމްބިއުލާންސްގައި މިހާތަނަށް 66 ދަތުރުކޮށްފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ފަށާފައި ވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު އެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ބޭނުންކުރަނީ މޯލްޑިވިއަންގެ ޑޭޝް 8-200 މަރުކާގެ ބޯޓަކާއި ސީޕްލޭނެކެވެ. މި ދެ ބޯޓުގައި ވަނީ އެމަޖެންސީ ހާލަތުގައި ބަލި މީހަކަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ގާއިމުކޮށްފަ އެވެ.
މޯލްޑިވިއަނުން ބުނީ ފުރަތަމަ މަހުގެ އެއާ އެމްބިއުލާންސްގައި 66 ދަތުރުކޮށްފައިވާ ކަމަށެވެ. މިއީ ހާލު ދެރަ ބަލިމީހުން އަވަސް ފަރުވާއަށް މާލެއާއި ހަމައަށް ގެނައުމަށް ކޮށްފައިވާ ދަތުރުތަކެވެ.
ކުއްލި ހާލަތުގައި މީގެކުރިން ބަލިމީހުން އުފުލީ އާއްމު ދަތުރުތަކަށް ބޭނުންކުރަމުންދާ މޯލްޑިވިއަންގެ ޝެޑިއުލް މަތިންދާ ބޯޓުތަކުގަ އެވެ. އަދި އެމްއެންޑީއެފްގެ އެހީގައި، ހެލިކޮޕްޓަރުގައި މި ހިދުމަތް ދީފައިވެ އެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ހިދުމަތް ދޭން ފެށި އެއާ އެމްބިއުލާންސްގައި ހިދުމަތް ދިނުމަށް 15 މީހަކު ތަމްރީންކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ ފަސް ޑޮކްޓަރަކާއި ފަސް ނަރުހަކާއި މެޑިކަލް ޓެކްނީޝަނުންނެވެ.
ހެލްތު މިނިސްޓްރީ އާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެން ދިނުމަށް ހަމަޖެހިފައިވާ މިހިދުމަތް މިހާރު ވަނީ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސް ނިޒާމުގެ ތެރޭގައި ހިމަނާފަ އެވެ.