ސިއްހީ ދާއިރާއަށް ލިބުނު ތާރީހީ ކުރިއެރުމެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް އިންސާނެއްގެ ހަށިގަނޑަށް އޫރުގެ ކިޑްނީއެއް ލައްވައިފި އެވެ.
އެމެރިކާގެ މެސެޗޫސެޓްސް ޖެނެރަލް ހޮސްޕިޓަލުގައި ހަތަރު ގަޑިއިރަށް ކުރިއަށް ދިޔަ އެ ސާޖަރީގައި އިންސާނެއްގެ ހަށިގަނޑަށް ލައްވާފައިވަނީ ޖެނެޓިކް ގޮތުން ބަދަލު ގެނެވިފައިވާ ކިޑްނީ އެކެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކިޑްނީ ޓްރާންސްޕްލާންޓް ހެދި އުމުރުން 62 އަހަރުގެ ބަލިމީހާ މަޑުމަޑުން ރަނގަޅު ވަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށެވެ.
ޑޮކްޓަރުން ބުނާ ގޮތުގައި އެ ކިޑްނީގެ އެހީގައި ބަލިމީހާއަށް އަހަރުތަކެއް ދިރިއުޅެވުނު ނަމަވެސް ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގައި ނޭނގޭ ގިނަ ކަންތައްތަކެއް ވެސް ހުރި ކަމަށެވެ.
ސެޗޫސެޓްސް ޖެނެރަލް ހޮސްޕިޓަލްއަކީ 1954 ވަނަ އަހަރު ދުނިޔޭގައި އެންމެ ފުރަތަމަ ހިއުމަން ކިޑްނީ ޓްރާންސްޕްލާންޓް ކާމިޔާބު ކަމާއެކު ކުރި ހޮސްޕިޓަލުކަން ވެސް ފާހަގަ ކުރެވެ އެވެ.
މި ސާޖަރީއާއެކު ކިޑްނީ ބަލި ތަހައްމަލު ކުރަމުން ދާ މީހުންނަށް އިތުރު އުއްމީދެއް ލިބިފައިވާ ކަމަށާއި މިއީ ކުރިއަށް އޮތް ތަނުގައި ސިއްހީ ހިދުމަތްތައް ފުޅާކުރަން އެޅުނު ފިޔަވަޅެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.