އިއްޔެ ހެނދުނުން ފެށިގެން ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމްތަކެއްގައި ވެސް ގަދަޔަށް ދައުރުވަމުން ދާތަން ފެނުނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރޭގައި ހިނގަމުން ދިޔަ ހަލަބޮލި ކަންތައްތަކެއްގެ ވީޑިއޯ އެވެ. ތަފާތު އެންގަލްތަކުން ތަފާތު ގޮތް ގޮތަށް ރެކޯޑުކޮށްފައި ތަފާތު މީސްމީހުންގެ އެކައުންޓުތަކުން ހިއްސާކޮށްފައި ހުރި ކަމުގައި ވިޔަސް އެ ހުރިހާ ވީޑިއޯއަކުން ވެސް ފެންނަނީ ދާދި އެއް މަންޒަރެކެވެ.
ވީޑިއޯއަށް ބަލާލުމުން ސިފަވަނީ ރާމާމަކުނުގެ ބައިގަނޑެއް އެންމެން އެއްގަހެއްގެ ގޮފިގަނޑަކަށް އަރަން ދިމާކޮށްލައިގެން އުޅޭ ފަދަ ގޮތަކަށެވެ. ހުރިހާ އެއްޗެހި އެއްފަހަރާ އަރަން ދިމާކުރުމުން އެކަކަށް ވެސް ކުރި ނުލިބި މަތީގައި އޮތް އެއްޗެއްގެ ފައިގައި އެހެން އެއްޗެއް ހިފައި އެލިގަތުމުން އޭތި ސޮހިގެން ދިޔައިރު، ދިޔައީ ތިރިން ދެތިން އެތި ގައިދަށުވެގެންނެވެ. އެވަގުތު އަޑީގައިވި އެތި ވީ ތަދުންނާއި އައި ރުޅީގައި އަތާއި ފައި ހޫރައިގަތުމުން ޖެހުނު ކޮންމެ އެއްޗަކަށް އަނިޔާވީ އެވެ. އަޑީގައި އޮތް އެއްޗަށް ތެދުވެ ހިންދެމިލެވުމުން އެއަށް އެހާލު ޖެއްސި އެއްޗާ ދިމާކޮށްލާ ވައްޓާލާ ކަރަށް ފިތައި މަރާލަން އުޅުނީ އެވެ.
މިކިޔަައި ދެވުނީ މަޖިލީހުގެ ޖަލްސާއެއްގެ ވީޑިއޯ ބެލުމުން އެ ވީޑިއޯ ހިތަށް ސިފަވި ގޮތެވެ. މަކުނުތަކެއްގެ ގޮތަށް ސިފަވި ކަމުގައި ވިޔަސް އެއީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނެވެ. ތުރުކުރައްވައިގެން ތިއްބެވީ އެންމެ ޒަމާނީ ކޯޓުފަޓުލޫނާއި ބޫޓުކޮޅެވެ. އެއީ ދިވެހި ރައްޔިތުންގެ ފަރާތުން ހޮވައި ރައްޔިތުންގެ ފައިސާއިން އެބޭފުޅުން ބޭނުންފުޅު މިންވަރަކަށް މުސާރަ ނަންގަވައިގެން ތިއްބެވި އިއްޒަތްތެރި މެންބަރުންނެވެ. އެ މަންބަރުން ގުރުބާންވެވަޑައިގަނަނަވަމުން އެ ގެންދަވަނީ ރައްޔިތުންގެ ހައްގުގަ އެވެ.
އެތައް ފަހަރަކު އިއްޔެ ފަށައި ކުރިޔަށް ނުގެންދެވި ހުއްޓާލަން ޖެހުނު ޖަލްސާ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމަށް ބާއްވަން އުޅުނު ޖަލްސާ އެކެވެ. މައްސަލަ އުފެދުނީ ރައީސްގެ ކެބިނެޓްގެ އެންމެހާ ވަޒީރުނަށް ރުހުން ނުދޭނެކަމުގެ އަޑު ފެތުރުމާ ގުޅިގެންނަވެ. މަޖިލީހުގެ މެންބަރުން ބެހިފައިވާ ގޮތުން އެ މަޖިލީހުން ކަމެއް ފާސް ވާނީ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ރުހޭ ގޮތަކަށެވެ. ރައީސްގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލައާ ގުޅިގެން އެ ދެޕާޓީން ވަނީ އެކަތިގަނޑަކަށްވެ އެކުގައި މަސައްކަތް ކުރުމަށް ނިންމައިފަ އެވެ. އެއާއެކު ރުހުން ނުދޭނެ ބައެއް ވަޒީރުން ވެސް ވަނީ ކަނޑައަޅާފަ އެވެ. ނަތީޖާއަކަށްވީ ވެރިކަން ކުރާ ޕާޓީން ވެވުނު ކޮންމެ ގޮތަކަށް ވެސް ޖަލްސާއަށް ހުރަސް އަޅަން ނިންމީ އެވެ.
ޑިމޮކްރަސީގައި ރައްޔިތުންގެ މަޖިލީހަކީ މިނިވަން މުސްތަގިއްލު އިދާރާ އެކެވެ. އެ މަޖިލީހުގެ މަސައްކަތަށް އެއްވެސް ހާލެއްގައި ބާރު ފޯރުވައި ނުފޫޒު ހިންގޭނެ އެހެން ބާރެއް ނޯންނާނެ އެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް ގާނޫނުން މަޖިލީހަށް މަތިކޮށްފައި އޮތުމުގެ ސަބަބުން މަޖިލީހުގެ ރައީސް ކުރައްވަން އުޅުއްވި ކަމަކީ ޖަލްސާއެއް ބާއްވައި ގާނޫނުން މަތިކޮށްފައި އޮތް ވާޖިބު އަދާކުރައްވަން އުޅުއްވުމެވެ. އެ ވާޖިބަކީ އެއްވެސް ބައެއްގެ ފިއްތުމެއް ނުވަތަ ބިރު ދެއްކުމެއް ނެތި މެންބަރުންނަށް އަމިއްލަ އިޚުތިޔާރުގައި ކުރެވެން ޖެހޭ ކަމެކެވެ. ރުހޭ ބޭފުޅަކަށް ރުހުން ދިނުމާއި ނުރުހޭ ބޭފުޅަކަށް ރުހުން ނުދިނުމުގައި ގޮތް ނިންމުމުގެ އިޚުތިޔާރު ޑިމޮކްރެޓިކް ހަމަތަކުގެ މަތިން މެންބަރުންނަށް ލިބެން ޖެހެ އެވެ.
ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ވެރިކަން ކުރާ ތަންތަނުގައި ރައްޔިތުންގެ މަޖިލީހުން ކުރާ ކަންތަކަށް ސަރުކާރަށް ބެހެވޭ ގޮތަށް ނެތް ކަމުގައި ވިޔަސް އިއްޔެ ފެނިގެން ދިޔައީ ސަރުކާރުން ބޭނުންވާ ގޮތަށް މަޖިލީހުގައި ކަންތައް ގެންދިއުމަށް ގަދަކަމުން މަސައްކަތް ކުރި ތަނެވެ. ބާރުގެ ބޭނުންކޮށް ބިރު ދައްކައިގެން ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ހޯދަން އުޅުނު ތަނެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ގިނަ ވައުދުތަކެއް ރައްޔިތުންނަށް ވެވަޑައިގެންނެވެ. އޭގެ ތެރެއިން ވެސް އެންމެ މުހިންމު ދެ ވައުދަކީ ޑިމޮކްރެސީގެ ރީތި ނަމޫނާ ދައްކަވާނެ ކަމާއި ދިވެހި ގައުމިއްޔަތު އަލުން ދިރުވައި ރީތި އާދަކާދަތައް މުޖުތަމައުގައި ދިރުވާނެ ކަމުގެ ވައުދެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުރަސް އަޅައި، ވަޒީރުންނަށް ގަދަކަމުން ރުހުން ހޯދަން ސަރުކާރުން ކުރަމުން ގެންދާ އަޚުލާގީ ގޮތުން ދަށް ޑިމޮކްރަސީއާ ޚިލާފު އަމަލުތަކުގެ ސަބަބުން ރައީސް މުއިއްޒުގެ ގައުމިއްޔަތު ދިރުވުމުގެ ވައުދާއި ޑިމޮކްރަސީގެ ރީތި ނަމޫނާ ދައްކަވާނެކަމަށް ވެވަޑައިގެންނެވި ވައުދަކީ އެއްވެސް އަސާސެއް ނެތް ބިލާހަކަށް ވެއްޖެ އެވެ. މިހާތަނަށް ކަންތައްތައް ދާގޮތަށް ބަލާއިރު ރައީސް މުއިއްޒުގެ ސަރުކާރަކީ ރާއްޖޭގެ ޑިމޮކްރެޓިކް ތާރީޚުގައި އައި އެންމެ ޚުދުމުޚުތާރު އަނިޔާވެރި ސަރުކާރު ކަމަށްވުމުގެ ފުރުސަތު އެބައޮތެވެ.