ހުޅުމާލޭގައި ފްލެޓްތަކެއް އަޅައި ދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ އަތުލައި މަކަރާ ހީލަތް ހެދުމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ފުރަން ހުއްދަ ދިން މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިމެންދެން އޭނާ ފުރުން މަނާކުރުމުގެ ވަގުތީ އަމުރެއް ނެރެފި އެވެ.
ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އަޅަން ސީލައިފާއި ހަވާލުކުރުމުން އެ ފްލެޓް ވިއްކާނެ ކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުން ފައިސާ ނެގުމަށްފަހު ފްލެޓްތައް ވެސް ނާޅައި، އެ ފައިސާތަކަށް ހިޔާނާތްތެރިވި މައްސަލައިގައި އޭނާއާ ދެކޮޅަށް ހިޔާނާތުގެ ގިނަ ދައުވާތަކެއް ކޮށްފައި ވަނިކޮށް އައްމަޓީ ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރަން ދިއުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދިނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅެވެ.
އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ މަހު ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ. އެހެންވެ، އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ނެރުއްވި އަމުރުގައިވަނީ އެ ކޯޓުން އެ މައްސަލަ ނިމެންދެން ނުވަތަ ވަކި ގޮތަކަށް އަންގަންދެން އައްމަޓީ ރާއްޖެއިން ބޭރަށް ފުރުން މަނާކުރަން ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަންގާ ކަމަށެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަލީ ރަޝީދެވެ.
އައްމަޓީ ޝަރީއަތް ނިމެންދެން ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު އޭނާ މިހާރު ހުރީ ޝަރުތުތަކާ އެކު ދޫކޮށްލައިފަ އެވެ. އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.
އައްމަޓީ ފިލައިގެން އުޅެނިކޮށް އޭނާ ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ވެސް ނެރުނެވެ. އެންމެ ފަހުން އޭނާ ހައްޔަރު ކުރީ ސްރީލަންކާގައި ދިރިއުޅެނިކޮށް ފެބްރުއަރީ 2021 ގަ އެވެ.
ސީ ލައިފްގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ކޯޓުގައި ދައުވާކުރުމުން ސަރުކާރުން މައްސަލައިގެ ތެރެއަށް ވަދެ، ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް ވަނީ ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ކޯޓުން ބޭރުގައި މައްސަލަ ނިންމައިފަ އެވެ.