ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް މެމްބަރުން ވެއްދުމަށް ޕީއެންއެފްގެ ޓީމެއް ފުވައްމުލަކަށް މިރޭ ފުރާ ގޮތަށް ނިންމައިފި އެވެ.
ޕީއެންއެފަށް ފޯމު ފުރުމުގެ ކަންކަމުގައި އިސްކޮށް އުޅުއްވާ ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ރައީސް ޔާމީންގެ ޕާޓީގެ އިސް ވަފްދެއް މިރޭގެ ވަގުތެއްގައި ފުވައްމުލަކަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ. އެހެންވެ، ޕާޓީ އަށް އެންމެ ފުރަތަމަ ވަންނަ މީހުންނަށްވެ، ފޯމް ފުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މަލީހް އެދިވަޑައިގެންނެވި އެވެ.
ޕީއެންއެފްގެ ޓީމެއް ފުވައްމުލަކަށް ވަޑައިގަންނަވާ އިރު، ރައީސް ޔާމީން އާ އެކުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި ފުވައްމުލައް ސިޓީ އަށް އުފަން ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޖަމީލަށް ބޮޑުބޭބެ ވިދާޅުވާ މަލީހު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކޮށްލާނެ ކަމަށް ވަރަށް ގިނަ ބަޔަކު ބުނަމުންދާ ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ދީފަ އެވެ. ޕާޓީގެ މުއައްސިސްގެ ގޮތުގައި ހުށަހަޅާފައި ވަނީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން އެވެ.
ޕީއެންއެފް ރަޖިސްޓްރީ ކުރުމަށްޓަކައި ގާނޫނުގައި ބުނާގޮތުން ޕާޓީ އުފެއްދުމުގެ ހުއްދަ ދިން ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި 3،000 މެމްބަރުންގެ ސޮއި ހަމަކުރަން ޖެހެ އެވެ.
ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ބޭފުޅުން ވަނީ އެ ހުއްދަ ލިބުމާއެކު ވަރަށް އަވަހަށް ސޮއިތައް ހަމަކޮށް ޕާޓީ ރަޖިސްޓްރީ ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ޔާމީން ކުރައްވާކަން މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކުރުމަށް ފަހު ހަމަ އެ ދުވަހު ވަނީ ޕާޓީގެ ނަމާއި އަސާސީ ގަވާއިދާއި ލޯގޯ ކަނޑައަޅާފަ އެވެ. އަދި ޕާޓީގެ ނަން އިއުލާނު ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ.