އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތުގައި 1,000 އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފި އެވެ.
އިންތިހާބީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ ދައުވަތު ދެވިގެން ވަޑައިގަންނަވާ ބޭފުޅުންގެ އިތުރުން، 1،000 އާއްމު ރައްޔިތުންނަށް މި ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމަވާފައިވާ ކަމަށެވެ. ހުވާކުރެއްވުމުގެ ޖަލްސާ ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް އިންތިހާބީ ރައީސް ނިންމެވި އެންމެ ބޮޑު ސަބަބަކީ ވެސް، ޖަލްސާގައި ވީހާވެސް ގިނަ އާއްމުންނަށް ބައިވެރިވުމުގެ ފުރުސަތު ދެއްވުންކަން ފިރުޒުލް ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ޙާއްސަ ދަޢުވަތު އެރުވިގެން 3،500 ބޭފުޅުން ޖަލްސާގައި ބައިވެރިވެވަޑައިގަންވާ. މީގެއިތުރުން އާއްމުންނަށް ފުރުސަތު ދިނުމަށް، 1،000 ރައްޔިތުންނަށް ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައި." ފިރުޒުލް ވިދާޅުވި އެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު، ހަވީރު 04:45 ގައި ޖުމްހޫރި މައިދާނުގަ އެވެ.
މި ރަސްމިއްޔާތު ވެގެންދާނީ ދަޢުވަތު ދީގެން އެންމެ ގިނަ މެހުމާނުން ބައިވެރިވެވަޑައިގަންނަވާ ހުވާކުރުމުގެ ރަސްމިއްޔާތަށެވެ. އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި، އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަޠީފް ހުވާކުރައްވާ ރަސްމިއްޔާތަށް 3،500 އެއްހާ މީހުންނަށް ދަޢުވަތު ދެއްވުމަށް ވަނީ ނިންމަވައިފަ އެވެ.
ޖުމްހޫރީ މައިދާނުގައި ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް. 22.9 މިލިއަން ރުފިޔާއަށް ގައުމީ ދިފާއީ ބާރުގެ ވެލްފެއާ ކުންފުނި ސިވެކްއާ ވަނީ ހަވާލުކޮށްފަ އެވެ.
އެ ރަސްމިއްޔާތުގެ ތައްޔާރީތައް ވާން މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން ވަށައިގެން ފެންސްޖަހާ މަސައްކަތް ވަނީ ފަށައިފަ އެވެ.