ބާރުގަދަ ބޭސްތަކެއް ބޭނުންކޮށްގެން 15 މީހަކު މަރާލިކަން ސާބިތުވި ޖަރުމަނުގެ ޑޮކްޓަރަކަށް، ޖުލައި މަހުގެ 8 ވަނަ ދުވަހު އުމުރުދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ. ބަލިމީހުންނަށް ފަރުވާދިނުމުގައި މަސައްކަތްކުރި މި ޑޮކްޓަރު އިތުރު ދިހަވަރަކަށް މަރުގެ މައްސަލައިގައި އަދިވެސް ދަނީ ތަހުގީގު ކުރެވެމުންނެވެ.
ބާލިންގެ ކޯޓަކުން ކުށް ސާބިތުވި އުމުރުން 41 އަހަރުގެ މި ޑޮކްޓަރު، 2021 ވަނަ އަހަރުގެ ސެޕްޓެމްބަރާއި 2024 ވަނަ އަހަރުގެ ޖުލައި މަހާ ދެމެދު ބަލިމީހުންގެ ގޭގެއަށް ގޮސް ފަރުވާދިނުމުގެ ތެރޭގައި 12 އަންހެނުންނާއި 3 ފިރިހެނުން މަރާލާފައިވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރު ސިލްވިއާ ބުޝް ވިދާޅުވި ގޮތުގައި، މިހާރު ސާބިތުވެފައިވާ 15 މަރުގެ މައްސަލައަކީ އޭނާ ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ ކުޑަ މިންވަރެކެވެ. ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ގޮތުގައި އޭނާ ވަނީ އިތުރު 70 އަށްވުރެ ގިނަ މީހުން މަރާލާފަ އެވެ.
2024 ވަނަ އަހަރު ހައްޔަރުކުރެވުނު މި މީހާއަކީ ކޯޓުގެ ރެކޯޑްތަކުގައި 'ޖޯހަންސް އެމް' ގެ ނަމުން ފާހަގަކޮށްފައިވާ މީހެކެވެ.
ފަނޑިޔާރު ބުޝް ވަނީ މި މީހާއަކީ ބުއްދިއަށް ގަބޫލުކުރަން ދަތި، އާދަޔާ ހިލާފު މައްސަލައެއްގެ މައިގަނޑު އަސްލު ކަމަށްވާ "ސީރިއަލް ކިލަރެއް" ގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އޭނާގެ ކުށްތަކަކީ ނުހަނު ބޮޑެތި ޖަރީމާތަކަކަށް ވާތީ، ކޯޓުން ވަނީ ގާނޫނުގައި އޮތް އެންމެ ހަރުކަށި އަދަބު އޭނާއަށް ދީފަ އެވެ. މީގެ ސަބަބުން އޭނާ މިނިވަންވުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ. މީގެ އިތުރުން، އޭނާއަށް ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރުންވެސް ކޯޓުން ވަނީ މަނާކޮށްފަ އެވެ.
މަރުވީ 'މަދު މިނިޓްކޮޅެއްގެ ތެރޭގައި'
ކޯޓުގެ ނިންމުމުގައިވާ ގޮތުން، އޭނާ މި މީހުން މަރާލާފައިވަނީ ބަލިމީހުންގެ މައްޗަށް ބާރު ފޯރުވުމުގެ ބޭނުމުގަ އެވެ. ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި އޭނާގެ ހަމައެކަނި ބޭނުމަކީ މީހުން މަރާލުމުން ލިބޭ އުފަލެއް ހާސިލުކުރުމެވެ.
އޭނާގެ ޝިކާރައަކަށްވީ 25 އަހަރާއި 94 އަހަރާ ދެމެދުގެ މީހުންނެވެ. އޭނާ ގަސްތުގައި ބޭނުންކުރި ހޭނައްތާ ބޭހާއި އިތުރު ބާރުގަދަ ބޭހުގެ ސަބަބުން، ނޭވާލާ ނިޒާމުގެ މަސްތައް މަސައްކަތްކުރުން ހުއްޓި، މަދު މިނިޓްކޮޅެއްގެ ތެރޭގައި މީހުން މަރުވާ ކަމަށް ކޯޓުން ފާހަގަކުރި އެވެ.
ޖުލައި މަހުގެ 6 ވަނަ ދުވަހު ޖޯހަންސް އެމް ވަނީ މީހުން މަރާލި ކަމަށް އިއުތިރާފުވެ، އޭނާގެ އަމަލުތަކާމެދު އަމިއްލައަށް ދެރަވާ ކަމަށް ބުނެފަ އެވެ. އޭނާގެ ސަބަބުން ލިބުނު އަނިޔާގެ ބޮޑުމިން އިހުސާސް ކުރެވެނީ އަދިކިރިޔާ ކަމަށްވެސް އޭނާ ބުނެފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
ކުށް ފޮރުވުމަށްޓަކައި ހުޅުޖެހުން
އެއް ފަހަރަކު އޭނާ ވަނީ އެއް ދުވަހެއްގެ ތެރޭގައި ދެ ބަލިމީހަކު މަރާލާފަ އެވެ. 2024 ޖުލައި 8 ގެ ހެނދުނު ބާލިންގެ ކްރޫޒްބާގް ސަރަހައްދުގައި ދިރިއުޅޭ 75 އަހަރުގެ މީހަކު މަރާލުމަށްފަހު، އޭގެ މަދު ގަޑިއިރުތަކެއް ފަހުން ކައިރި އަވަށެއްގައި އުޅޭ 76 އަހަރުގެ އަންހެނަކުވެސް ވަނީ މަރާލާފަ އެވެ. އެ މަރު ފޮރުވުމަށްޓަކައި އެ ގޭގައި ހުޅުޖަހަން އުޅުނު ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.
މީގެ އިތުރުން، އޭނާ ކުރި ކުށްތައް ފޮރުވުމަށްޓަކައި ފަސް މީހެއްގެ ގޭގައި ހުޅުޖެހި ކަމަށްވެސް ތުހުމަތު ކުރެވެއެވެ.
މި މީހާގެ އަމަލުތަކަށް ޝައްކު އުފެދުނީ ބަލިމީހުން ބަލަހައްޓާ ފަރާތްތަކަށް ފާހަގަވި ކަންތައްތަކަކާ ގުޅިގެންނެވެ. އެއާއެކު ފުލުހުން ތަހުގީގު ފަށައި، 2024 އޮގަސްޓް މަހު އޭނާ ބަންދުކުރި އެވެ.
ފުރަތަމަ ތަހުގީގު ކުރެވުނީ ހަތަރު މައްސަލައެއް ނަމަވެސް، ފަހުން ޝައްކު ކުރެވޭ މަރުތަކުގެ އަދަދު އިތުރުވަމުން ގޮސް، އަދިވެސް ގިނަ މައްސަލަތަކެއް ދަނީ ބަލަމުންނެވެ.
މި މައްސަލައަކީ 2019 ވަނަ އަހަރު 85 ބަލިމީހުން މަރާލިކަން ސާބިތުވެ އުމުރުދުވަހަށް ޖަލަށްލީ ޖަރުމަނުގެ ނަރުސް ނީލްސް ހޯގަލްގެ މައްސަލައާ އެއްގޮތް މައްސަލައެކެވެ. މީގެ އިތުރުން، 2025 ނޮވެމްބަރު މަހުވެސް 10 ބަލިމީހަކު މަރާލި ނަރުހަކަށް އުމުރުދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.
ފޯޅަވަހި ސަރަހައްދަށް ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް
ވަޒީފާއިން ކަނޑަނީ ސަރުކާރާ ދެކޮޅު މީހުން ކަމަށް ބުނެ ގަރާރެއް
އެމެރިކާ އާއި އީރާނުގެ އެއްބަސްވުން ނިމުނީ: ޓްރަމްޕް