ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާގެ މަސައްކަތްތައް ކުރުމަށް އުފައްދާފައިވާ އިންތިގާލީ ކޮމެޓީތަކުގެ މަސައްކަތްތައް މާދަމާގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮމާންކަމާ އެކު ކުރިޔަށް ގެންދިއުމަށް އުފައްދާފައިވާ ޓްރާންސިޝަނަލް ކޮމިޓީން ވަނީ ސަރުކާރު ވުޒާރާތަކުންނާއި އޮފީސްތަކުން މައުލޫމާތު އެއްކުރުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރުމަށް ވަކިވަކި ކޮމެޓީތަކެއް އުފައްދައިފަ އެވެ. އެގޮތުން ސަރުކާރު ވުޒާރާތަކުންނާއި އޮފީސްތަކުން މައުލޫމާތު އެއްކުރުމަށް، އަށް ކޮމެޓީއެއް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މައުލޫމާތު އެއްކުރުމުގެ މަސައްކަތަށް ހަތް ކޮމެޓީއެއް ވަނީ އެކުލަވާލައިފަ އެވެ.
ސަންގު ޓީވީގައި ރޭ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެކޮމިޓީން އެކި އިދާރާތަކުން ގިނަ މައުލުމާތުތަކެއް ހޯދާފައިވާ ކަމަށެވެ. އެ މައުލޫމާތުތަކުގެ އަލީގައި ރިޕޯޓެއް އެކުލަވާލައްވާނެ ކަމަށާއި، އެއީ ދައުލަތުގެ މިހާރުގެ ހާލަތު ބަޔާންކުރާނެ ރިޕޯޓެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ އެކޮމިޓީގެ ހުރިހާ މަސައްކަތެއް ނިންމުމަށް އަމާޒުހިފީ މި މަހުގެ 15 އަށް ކަމަށާއި، ނަމަވެސް އެ މުއްދަތަށް މަސައްކަތްތައް ނުނިމުމުން، މާދަމާ އަށް އެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
ކަނޑައެޅި ތާރީހަށް އެ މަސައްކަތްތައް ނުނިމުނީ، ބައެއް އިދާރާތަކުން ދޭންޖެހޭ އެއްބާރުލުން ނުލިބިގެންކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. ނަމަވެސް އެއީ ކޮން އިދާރާތަކެއް ކަމެއް ވިދާޅެއް ނުވެ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ސަރުކާރެއް ބަދަލުވެ އާ ސަރުކާރެއްގެ ހިންގުން ފެށުމުގެ ކުރިން ދައުލަތުގެ ހާލަތު ވަޒަން ކުރުމަށް ހޯދަން ޖެހޭ މައުލޫމާތު ހޯދުމަކީ ވަރަށް ބުރަ ކަމެއް ކަމަށެވެ. އަދި ޓްރާންސްސިޝަނަލް ކޮމެޓީން ކުރަމުން ދަނީ ބުރަ މަސައްކަތެއްކަން ފާހަގަ ކުރައްވާ ކޮމެޓީގެ މަސައްކަތާމެދު ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.