އޮމާނަށް ދަތުރުކުރާ ދިވެހިންނަށް 14 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބެނީ ވަކި ޝަރުތުތަކެއް ފުރިހަމަވުމުން ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން މިފަދައިން ބުނީ އޮން އެރައިވަލް ވިސާގައި އޮމާނަށް އެތެރެވާން ދިވެއްސަކު މަސައްކަތް ކުރި ނަމަވެސް އޭނާ އެ ގައުމަށް އެތެރެވުމުގެ ހުއްދަ ނުދިންކަމަށް ބުނެ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގަ އެވެ.
އޮމާނަށް ދަތުރުުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށް ދިވެހި ސަރުކާރުން ބުނީ މިދިޔަ މާޗުގެ މަހުގެ 30 ވަނަ ދުވަހު އެވެ. ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ގިނަ ގައުމުތަކަށް އޮން އެރައިވަލް ވިސާގައި ދިވެހިންނަށް ދަތުރުކުރެވޭނެ ގޮތް ހަދައިފަ އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިގޮތަށް ހާމަކޮށްފައި ވަނީ އެވަގުތު އޮމާން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ރަސްމީކޮށް އެގޮތަށް މަޢުލޫމާތު ދެއްވާފައިވާތީ ކަމަށެވެ. ނަމަވެސް އޭގެފަހުން މިނިސްޓްރީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އޮމާނަށް ދަތުރުކުރާ ދިވެހިންނަށް 14 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބެނީ ބައެއް ޝަރުތުތައް ފުރިހަމަވުމުން ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
އެގޮތުން އޮމާނަށް ދަތުރުކުރާ ފަރާތްތަކަށް އޮން އެރައިވަލް ވިސާ ލިބެނީ އިނގިރޭސިވިލާތް، އެމެރިކާ، ޝެންގަން ޤައުމުތައް، ކެނެޑާ، އޮސްޓްރޭލިއާ ނުވަތަ ޖަޕާންގެ މުއްދަތު ހަމަނުވާ ވިސާއެއް އޮތުން ނުވަތަ އެއިން ގައުމެއްގެ ރަށްވެހިކަން އޮންނަ ފަރާތްތަކަށާއި، ހޮޓެލް ބުކިން އާއި ދެކޮޅު ޓިކެޓާއި، ހެލްތު އިންޝުއަރަންސް އޮންނަ ފަރާތްތަތަކަށް ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެ އެވެ.
އެހެންކަމުން އޮމާނަށް ދަރުތުކުރައްވާ ފަރާތްތަކުން މިޝަރުތުތައް ފުރިހަމަ ނުވާނަމަ ދުރާލާ ވިސާ ނަގައިގެން އޮމާނަށް ދަތުރުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އަންގަވައިފަ އެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ބުނެފައިވަނީ އޮމާނަށް ދަތުރުކުރާ ދިވެހިންނަށް އެއްވެސް ޝަރުތަކާ ނުލައި އޮން-އެރައިވަލް ވިސާ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް ގުޅޭގޮތުން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާ މި މިނިސްޓްރީން މަޝްވަރާ ކުރަމުންގެންދަވާ ކަމަށެވެ.