ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހަޅަން ތައްޔާރުވަމުން އަންނަ މައްސަލަ ބަލައިގަންނަން ދަތިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ވަނީ ފާސްކޮށްފަ އެވެ. އަދި އެމައްސަލަ މިރޭ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ އެމްޑީޕީން ފާސްކޮށްފައިވާތީ އެމައްސަލަ ބަލައި ގަންނަން ދަތިވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ނަޝީދު ފޮނުއްވި މެސެޖް އެއްގައި ވިދާޅުވީ މިދައުރުގައި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލައިގަންނަން ދަތި ވާނެ ކަމަށެވެ. އެމައްސަލަ ކުރިއަށް ގެންދެވޭނީ އަންނަ ދައުރުގައި ކަމަށްވެސް ވިދާޅުވި އެވެ.
މި ދައުރުގައި އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާކޮށް އަނބުރައި ނަގައިފި. ދެން މި އަންނަ ދައުރުގައި ކަންނޭނގެ މި ކަން ވާނީ،" ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއި ގުޅެގޮތުން އެމްޑީޕީގެ ޕީޖީ ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފަ އެވެ. އެބައްދަލުވުމުގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ފާސް ކުރީ މެމްބަރުންގެ އިއްތިފާގުންނެވެ.
އެމްޑީޕީން ބުނީ ނަޝީދުގެ މައްސަލަ ފާސް ވާވަރަށް މެމްބަރުންގެ ސޮއި ހަމަވާނެ ކަމަށެވެ. އަދި މަޖިލީހަށް ހުށަހަޅާނީ އެއަދަދަށް ސޮއި ހަމަކޮށްފައި ކަމަށްވެސް އެމްޑީޕީން ބުނެ އެވެ.
މީގެ ކުރިން ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ނަމަވެސް ގާނޫނީ ހުއްޖަތުތަކެއް ދައްކަވައި ނަޝީދު ވަނީ އެ ދެ މައްސަލަ ކުރިއަށްގެންދަން ދެކޮޅު ހައްދަވާފަ އެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އެމްޑީޕީން ވަނީ އެ ދެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.
ކުޑަކުޑަ ހިއްވަރެއް ކޮށްލީމާ ވަރަށް ފަސޭހައިން ތިޔަކަން ފަހިވެދާނެ. ކުރަންވީ ކަމަކީ މަޖިލީހަށް ޙާޟިރުވެފަ މާލަމަށްނުވަދެ ކަންކަން ފަހިވަންދެން މަޑުކޮށްލައިގެން ތިބެލާ! އިސާހިތަކު ތިޔަކަންވެދާނެ.