ލ. ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު މޫސާ ސިރާޖް އެމްޑީޕީން މިއަދު ވަކިވެވަޑައިގެންފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ފޮނުއްވި ސިޓީގައި ސިރާޖް ވިދާޅުވެފައި ވަނީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އިތުރަށް ހުންނަވަން ބޭނުން ނުވާތީ އެ ޕާޓީން އޭނާގެ ނަން އުނިކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.
އެމްޑީޕީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުމުގައި ސިރާޖް ފުރަތަމަ ހުންނެވީ ނަޝީދުގެ ފަޅީގަ އެވެ. ނަމަވެސް އޭގެ ފަހުން މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ތާއީދު ކުރެއްވީ ރައީސް ސޯލިހަށެވެ. އެމްޑީޕީގައި ހުންނެވި ނަމަވެސް އޭނާގެ ފަރާތުން ސިޔާސީ ގޮތުން މާބޮޑު ހަރަކާތްތެރިކަމެއް ފަހަކަށް އައިސް ފެނިފައެއް ނުވެ އެވެ. ދާދި ފަހުން ވަނީ ސަރުކާރުގެ ސިޔާސަތުތަކާ ހިތްހަމަނުޖެހޭކަން ހާމަކޮށްފަ އެވެ. އެހެންވެ ނަޝީދުގެ ސަޕޯޓަރުން އުފެއްދި ދަ ޑިމޮކްރެޓްސްއާ ސިރާޖް ގުޅެން އުޅޭ ކަމުގެ އަޑުތަކެއް ވެސް ފެތުރިގެން ދިޔަ އެވެ.
ބައެއް ފަރާތްތަކުން މިހާރު ބުނާ ގޮތުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ވެސް ސިރާޖް ގުޅުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު މިއިން އެއްވެސް ޕާޓީއަކުން އެކަން ހާމަކޮށްފައެއް ނުވެ އެވެ.