ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިން ހަރަކާތްތައް މާލެ އާއި އަތޮޅުތަކުގައި ފަށައިފި އެވެ.
އެމްޑީޕީން ބުނީ ރައީސް ސޯލިހުގެ ކެމްޕެއިން ހަރަކާތެއްގެ ގޮތުން ތާއީދު ހޯދުމަށް މާލެ ސިޓީގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ މާލޭ ކެމްޕޭން ޓީމުން މިއަދު ދޮރުން ދޮރަށް ހިނގީ މާފަންނު މެދު ދާއިރާގަ އެވެ. އެކަމުގައި އިސްކޮށް އުޅުއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހު ކަށަވަރު ކުރެއްވީ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ވާދަކޮށް ކުރި ހޯއްދަވައިގެންނެވެ.
ބޮޑު އީދުގެ ބަންދަށް ފަހު ރައީސް ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރަސްމީކޮށް އަތޮޅުތަކަށް ދަތުރުތައް ފައްޓަވާނެ ކަމަށް އެމްޑީޕީން ކުރިން ވަނީ ބުނެފަ އެވެ.
ޕްރައިމަރީން ބަލިވެވަޑައިގަތުމުން ނަޝީދު ވަނީ ރައީސް ސޯލިހާ ދެކޮޅަށް ނިކުންނަވާ މަސައްކަތް ކުރަން ފަށާފަ އެވެ. އަދި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުން އެމްޑީޕީން ވަކިވެ އެހެން ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ރައީސް ސޯލިހުގެ ވެރިކަން ނިންމުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާވެސް އަންނަނީ މަޝްވަރާ ކުރައްވަމުންނެވެ.
ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ނިކުންނަވާނީ އަދާލަތު ޕާޓީ އާއި އެމްޑީއޭ ހިމެނޭ ކޯލިޝަނަކާއެކު އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް ސޯލިހް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް ޔާމީންގެ ކެމްޕޭން ހަރަކާތްތައްވެސް ވަނީ މާލެ އާއި އަތޮޅުތެރޭގައި ފަށާފަ އެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕޭނާއި އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމްގެ ކެމްޕޭންގެ ހަރަކްތާތައްވެސް ވަނީ ފަށާފަ އެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައި ވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓުލުން ސެޕްޓެމްބަރު 30 ގައި ބޭއްވެވުމަށް ވެސް ވަނީ ނިންމަވާފަ އެވެ.