ސިޔާސީ ހަރަކާތްތައް ހިނގުމަށާއި ކެމްޕެއިން ހަރަކާތްތައް ހިންގަން ސުކޫލްތައް ކުއްޔަށް ނުދޭނެ ކަމަށް އެޑިއެކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެއްވެސް ސުކޫލެއްގައި ސިޔާސީ ހަރަކާތް ހިންގަން ނުދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެމްޑީޕީގެ އަންހެނުން ބާރުވެރިކުރުމުގެ ސިޔާސަތުތައް އެކުލަވައިލުމުގެ ވޯކްޝޮޕެއް ބާއްވަން ދަރުމަވަންތަ ސްކޫލް އިއްޔެ އިރުއޮއްސެންދެން އެމްޑީޕީއަށް ދޫކޮށްފައި އޮތުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ވިލިމާލެ ދާއިރަގެ މެމްބަރު އަދި އެމްއެންޕީގެ ނައިބު ރައީސް އަހުމަދު އުޝާމް ކަންބޮޑުވުން ފާޅުކުރެއްވުމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެއްވެސް ސިޔާސީ ޕާޓީ އަކަށް ސިޔާސީ ހަރަކާތްތައް ހިންގަން އެއްވެސް ސުކޫލްއެއް ކުއްޔަށް ނުދޭ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ބައެއް ހަރަކާތްތައް ހިންގަން ސުކޫލްތަކުގެ ހޯލު ދިނުމަށް ވަކި އުސޫލެއް އޮވެއެވެ.
އެޑިއުކޭޝަނަން މިނިސްޓްރީން ބުނީ އެ އުސޫލާ އެއްގޮތަށް ސިޔާސީ ޕާޓީ ތަކުންވެސް ބާއްވާ ބައެއް ހަރަކާތްތައް ހިންގުމަށް ސުކޫލް ދޫކުރެވޭނެ ކަމަށެވެ.
އެމްޑީޕީއަށް ސިޔާސީ ހަރަކާތް ހިންގަން ސުކޫލްތައް ދޫކުރާ އިރު އެހެން ޕާޓީތަކަށާއި ބައެއް ޖަމިއްޔާތަކުގެ ހަރަކާތްތައް ބޭއްވުމަށް އެޑިއުކާޝަން މިނިސްޓްރީން ސުކޫލްތައް ނުދޭތީ ގިނަ ބައެއްގެ ކަންބޮޑުވުން އޮވެ އެވެ.
އެމްޑީޕީން އިއްޔެ ހިންގި ހަރަކާތާ ގުޅޭ ޕޯސްޓަރެއް ހިއްސާކޮށް ކަންބޮޑުވުން ފާޅުކުރައްވައި ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް ކުރެއްވި ޓުވީޓްއެއްގައި ވިދާޅުވީ އެމްޑީޕީން ހިންގާ ސިޔާސީ ކަންކަމަށް ސަރުކާރުގެ ސްކޫލުތައް ބޭނުންކުރެވޭ ކަމަށާއި އެހެން ޕާޓީއަކުން ޖަލްސާއެއް ބޭއްވުމަށް ސްކޫލެއްގެ ހޯލެއް ހޯދަން އެދުމުން އެއީ މަނާ ކަމެއްކަމަށް ބުނެ މިނިސްޓްރީން އެ ހުއްދަ ނުދޭ ކަމަށެވެ.
އަދި މިއީ ކޮންކަހަލަ އިންސާފެއްތޯ އުޝާމް ސުވާލް ކުރެއްވި އެވެ. އަދި މިކަންކަމުން ވެސް ސާފު ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އިންސާފުވެރި ނުވާނެކަން ކަމަށް އުޝާމް ވިދާޅުވި އެވެ.
އުޝާމްގެ އެ ޓުވީޓްއަށް ރައްދު ދެއްވާ ރޮޒައިނާ ވިދާޅުވީ އަބަދުވެސް ޕާޓީތަކުގެ މިފަދަ މަސައްކަތްތަކަށް ސްކޫލް ހޯލްތައް ދޫކުރާ ކަމަށާއި ސުކޫލްތައް ނުދެނީ ކެމްޕެއިން ޖަލްސާތައް ބާއްވަން ކަމަށެވެ.