ދިވެހިންނަށް ވިސާއާ ނުލާ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކަށް ދަތުރުކުރެވޭނެ ގޮތް ހެދުމަށް ދިވެހި ސަރުކާރުން ހުށަހަޅާފައިވާ މައްސަލައަށް އަވަހަށް ގޮތެއް ނިންމަން ޖަމާއަތުން އެއްބަސްވެއްޖެ އެވެ.

ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ޔޫރަޕިއަން ޔޫނިއަންއާއި ދިވެހި ސަރުކާރުގެ ސީނިއާ އޮފިޝަލުންގެ ބައްދަލުވުމުގެ ހަތަރު ވަނަ ސެޝަނަށްފަހު ނެރުއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގަ އެވެ.

މިޕްރެސް ސްޓޭޓްމަންޓުގައި ބުނެފައި ވަނީ އީޔޫގެ މެމްބަރު ގައުމުތަކަށް އިތުރު ވިސާއެއް ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ރާއްޖެ އާއި އީޔޫއިން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އީޔޫއަށް ވިސާއާ ނުލައި ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓު ދެން އެންމެ އަވަހަށް ރިވިއު ކުރާއިރު އިތުރު ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް އީޔޫއަށް ދަތުރު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުމާމެދު އީޔޫއިން ގޮތެއް ނިންމާނެ ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފަ އެވެ.

ނަމަވެސް، ވިސާ ނުނަގާ ޔޫރަޕަށް ދަތުރުކުރެވޭނެ ގައުމުތަކުގެ ލިސްޓު އެ އިއްތިހާދުން ދެން މުރާޖައާ ކުރާނޭ އިރެއް ސާފެއް ނުވެ އެވެ.

ދިވެހިންނަށް ދުރާލާ ވީޒާއެއް ނެގުމަކާއި ނުލައި ގިނަ ގައުމުތަކަށް ދެވޭނެ އިންތިޒާމް މިހާރުވެސް ވަނީ ހަމަޖައްސައިފަ އެވެ. އަދި އިތުރު ގައުމުތަކަށް ދެވޭނެ އިންތިޒާމްތައް ވެސް ސަރުކާރުން އަންނަނީ ހަމަޖައްސަމުންނެވެ.