މިހާރަކަށް އައިސް، ބައެއް ނޫސްތަކުން ފެނަކައިގެ ނަން ބޭނުންކޮށް، އެއްވެސް އަސާސެއް ނެތް ޚިޔާލީ ވާހަކަތައް އުފައްދައި ޝާއިޢު ކުރަމުން ދަނީ، ފެނަކަ އަކީ ރާއްޖޭގެ އުތުރުން ދެކުނަށް، ރައްޔިތުންގެ އިތުބާރު ހޯދާފައިވާ މަގްބޫލު ބްރޭންޑަކަށް ވުމުން، އެކަމުގެ ފައިދާ ނަގައި ނޫސް ކިޔުންތެރިން އިތުރުކުރުމުގެ ޙީލަތްތެރި އުކުޅެއްގެ ގޮތުގައި ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަނުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެފަދަ ކަންކަން ކުރާ ފަރާތްތަކުން، އެ ފަރާތްތަކާއި މުޖުތަމަޢަށް ފައިދާ ހުރި ބޭނުންތެރި މަސައްކަތްތަކެއް ކުރުމަށް، ލިބިފައިވާ ވަގުތާއި ވަޞީލަތްތައް ބޭނުންކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން އެ ކުންފުނިން ވަނީ، ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ މުވައްޒަފުން ކަމުގައި ބަލައިގަނެ، މުވައްޒަފުންނަށް ބިރުފިލައިތިބެ ހާސްކަމެއް ނެތި ވަޒީފާ އަދާކުރެވޭނެ ފަހި މާޙައުލެއް ޤާއިމްކޮށްދީ، އަނެކުންގެ މިނިވަންކަމާއި ޙައްޤުތަކަށް އަރައިނުގަނެ އަމިއްލައަށް ލިބިފައިވާ ޙައްޤުތައް ފުރިހަމައަށް ބޭނުންކުރުމުގެ ފުރުސަތު ތަނަވަސްކޮށް ހުޅުވައިދީ ކަށަވަރު ކޮށްދީފައި ކަމަށް ފެނަކައިގެ ބަޔާނުގައިވެ އެވެ.

އަދި އެއްވެސް ހާލެއްގައި އެ ޙައްޤުތަކަށް ހުރަސް އަޅައި، މުވައްޒަފުންނަށް ބިރުދެއްކުމަކީ ކުންފުނީގެ އަދުގެ މެނޭޖްމަންޓް ދަންނަ، ނުވަތަ ބޭނުންކުރާ ފަލްސަފާއެއް ނޫންކަން ހުރިހާ ފަރާތްތަކަށް ޔަގީންކޮށްދޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ހަމަ އެހެންމެ، ކުންފުނީގެ ވަކިވަކި މުވައްޒަފުން ފާޅުކުރާ ޚިޔާލާއި ޝުޢޫރާއި ބުނާ ބުނުމަކީ، ކުންފުނީގެ މެނޭޖްމަންޓުގެ ބަސް ނުވަތަ ކުންފުނިން ދެކޭގޮތް ނޫންކަން ފާހަގަ ކުރަމެވެ،" ފެނަކައިގެ ބަޔާނުގައިވެ އެވެ.

އެއްވެސް އަސްލެއް އަސާސެއް ނެތި، ކުންފުނީގެ މެނޭޖްމަންޓާއި ކުންފުނީގެ އަގު ވައްޓާލައި ނަން ކިލަނބުކުރުމަށް ކުރާ ނާކާމިޔާބު މަސައްކަތް ހުއްޓާލުމަށް، އެފަދަ އެންމެހައި ފަރާތްތަކަށް ތަކުރާރުކޮށް ފެކައިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ފެނަކައިގެ ނަން ބޭނުންކޮށްގެން ފައިދާ ހޯއްދެވުމަށް ވިސްނަވާނަމަ، ރިވެހި އަޚްލާޤާއި ސުލޫކުގެ ތެރެއިން އެކަމަށް މަގު ހޯއްދެވުމަށް ވެސް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.