ސާފުތާހިރު ކަމުގެ މިންގަނޑަށް ނުފެތޭތީ، އައިޖީއެމްއެޗްގެ ކެންޓީން ބަންދުކޮށްފި އެވެ.
އެތަން ބަންދު ކުރިކަން އަންގާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކެންޓީންގެ މައިދޮރުގައި ނޯޓިސް ހަރުކޮށްފަ އެވެ.
ކެންޓީންގައި އެޗްޕީއޭ އިން ތަތްކޮށްފައިވާ ނޯޓިސްގައި ބުނެފައިވާ ގޮތުން އެތަން މިއަދުން ފެށިގެން ބަންދުކުރީ ހިދުމަތް ލިބިގަންނަ މީހުން، ކާބޯތަކެތީގެ ޒަރާއާއިން ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކުން ރައްކާތެރިކުރުމަށް އަމަލުކުރާ ގަވާއިދާ ހިލާފުވެގެންނެވެ.
އެންމެ ގިނަ ބަޔަކު ޚިދްމަތް ހޯދާ ހޮސްޕިޓަލްގެ ކެންޓީނު ބަންދުކުރީ މި މިންގަނޑުގެ ތެރެއިން ކޮންކަމަކާ ޚިލާފުވެގެން ކަމެއް ބުނެފައެއް ނުވެ އެވެ.
އައިޖީއެމްއެޗްގެ ކެންޓީނަކީ އެހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަންދާ މީހުންނާއި އެޑްމިޓްކޮށްފައި ތިބޭ ބަލިމީހުންނާއި އެހީތެރިން ވެސް ޚިދްމަތް ހޯދާ ތަނެކެވެ. އަދި ބޭރުން ވެސް ގިނަބަޔަކު ކެންޓީނުގެ ޚިދްމަތް ހޯދަ އެވެ. ކެންޓީނު ބަންދުކުރުމުން ހޮސްޕިޓަލްގައި ތިބޭ ބަލިމީހުންގެ އާއިލާތަކަށް ދަތިތަކަކާ ކުރިމަތިވާނެ އެވެ.
ދާދިފަހުން އެޗްޕީއޭގެ މިންގަނޑާ ޚިލާފުވެގެން އޭޑީކޭ ހޮސްޕިޓަލްގެ ކެންޓީނު ވެސް ބަންދުކޮށްފައިވެ އެވެ.
ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުން ގަވައިދާ އެއްގޮތަށް އަމަލުކުރޭތޯ ބަލަން އެޗްޕީއޭ އިން ކުރާ މަސައްކަތް ފަހަކަށް އައިސް ވަނީ އިތުރުކޮށްފަ އެވެ. އެއީ ކޮވިޑް-19 ފެތުރޭތީ އެބަލި ކޮންޓްރޯލް ކުރަން ކުރާ މަސައްކަތްތަކުގެ ތެރެއިންނެވެ. އަލުން ހުޅުވުމުގެ ހުއްދަ ދެނީ އެކަންކަން އިސްލާހު ކުރުމުންނެވެ.