ބޮލީވުޑްގެ އެންމެ ކާމިޔާބު ދެ ތަރިން ކަމަށުވާ ޝާހްރުކް ޚާންއާއި ސަލްމާން ޚާން 28 އަހަރަށްފަހު އެކުގައި ފިލްމަކުން ފެންނާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.
އިންޑިއާގެ މީޑިއާތަކުން ހާމަކުރާ ގޮތުގައި މި ދެތަރިން އެކުގައި ފެނިގެންދާނީ ޔަޝް ރާޖް ޕްރޮޑަކްޝަންސްއިން އުފައްދާ ޓައިގާ ވާސަސް ޕަތާންއިންނެވެ.
އެއާއެކު އެ ފިލްމުގެ ވިލަންއެއްގެ ރޯލުން ގޭމްސް އޮފް ތްރޯންއިން މަގުބޫލުކަން ހޯދާފައިވާ ޖޭސަން މެމޯއާ ވެސް ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
ޓައިގާއަކީ ސަލްމާން މީގެ ކުރިން އެކުޓު ކޮށްފައިވާ ފިލްމަކަށް ވާއިރު ޕަތާންއަކީ އެންމެ ފަހުން ޝާހްރުކް ކުޅުނު ފިލްމެވެ. ދެތަރިން އެކުގައި ފެންނަ ފިލްމުގެ ނަމަކީ އެ ދެ ފިލްމުގެ ނަން ގުޅުވާލައިގެން އުފެދޭ ނަމެކެވެ.
ސަލްމާންއާއި ޝާހްރުކް ޚާންއަކީ ބޮލީވުޑްގެ އެންމެ ސަޕޯޓަރުން ގިނަ ތަރިންނަށް ވުމާއެކު މި ދެތަރިން އެކުގައި ފެންނަ ފިލްމަކަށް ގިނަ ބަޔަކު އިންތިޒާރު ކުރެ އެވެ.
އެ ދެތަރިން އެއްކޮށް އެންމެ ފަހުން ބޮޑު ފލްމަކުން ފެނިފައިވަނީ 1995 ވަނަ އަހަރު ނުކުތް ކަރަން އަރުޖުންއިންނެވެ. އޭގެ ފަހުން ދެތަރިން ވެސް ބައެއް ފަހަރު އެކަކު އަނެކަކުގެ ފިލްމުތަކުގެ ހާއްސަ ފެނިލުންތަކުން ފެނެ އެވެ.