ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރުމާއި ކޯލިޝަން ހެދުމުގެ ބާރު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އަށް ދިނުމަށް އެ ޕާޓީގެ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

ޖޭޕީ އިން މިއަދު ބޭއްވި އެ ޕާޓީގެ އާ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމަށް ވަނީ އެ ޕާޓީން ރިޔާސީ އިންތިހާބުގައި އަމަލު ކުރާނެ ގޮތަކާ މެދު ގޮތެއް ނިންމުމަށް ގަރާރެއް ހުށަހަޅައިފަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރަންވާނެ ކަމަށާއި ކޯލިޝަން ހަދަން ޖެހިއްޖެ ހިނދެއްގައި ކޯލިޝަން ހެދުމުގެ ބާރު ދޭ ގޮތަށް ކައުންސިލަށް ގަރާރު ހުށަހަޅާފައި ވަނީ ކައުންސިލް މެމްބަރު މުހައްމަދު ނާޒިލް އެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ޖޭޕީގެ ހަތަރު ވަނަ ކޮންގްރެސްގައި މި އަހަރުގެ އިންތިހާބަށް އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ފާސްކޮށްފައިވާ ކަމަށެވެ. އަދި ރިޔާސީ ކެންޑިޑޭޓާއި ކޯލިޝަނެއް ހަދަން ޖެހިއްޖެ ހިނދެއްގައި އެކަމުގެ ބާރާއި އިހްތިޔާރު ޕާޓީގެ ލީޑަރަށް ދިނުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ފެންނަ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

ކައުންސިލް މެމްބަރު ނާޒިލް ހުށަހެޅި އެ ގަރާރު ފަސްވީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދު ކޮށްދެއްވުމަށް އެދި އެމަނިކުފާނު ވަނީ ކޯލިޝަންގައި މިހާރު ހިމެނޭ ހުރިހާ ޕާޓީތަކަކަށް ކޯލިޝަނަކާ އެކު ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް އެދި ސިޓީ ފުޅެއް ވެސް ފޮނުވައިފަ އެވެ.

މިކަމާމެދު ޖޭޕީ އާއި އެމްއާރުއެމް އިން އަދި ގޮތެއް ނިންމައިފައެއް ނުވެ އެވެ. އެހެން ނަމަވެސް ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވަނީ ރައީސް އަށް ތާއިދު ކޮށްފަ އެވެ.