ނިދުމަކީ އާއްމު ސިއްހަތަށް ކިހާ މުހިއްމު އެނގޭނެ އެވެ. ނިދިން މީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް އަސަރު ކުރެ އެވެ. އެކަމަށް ބާރު ލިބިފައި މިވަނީ މިފަހުން ހެދި ދިރާސާ އެކެވެ.
އެ ދިރާސާގައި ބުނާ ގޮތުން ނިދި ނުލިބުމަކީ އިންސާނާގެ ހިތުގެ މަސައްކަތަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ. އެގޮތުން ނިދި ހަމަނުވާ ނަމަ ހާޓްއެޓޭކް އެއް ޖެހުމުގެ ފުރުސަތު އިތުރުވާ ކަމެކެވެ.
ނިދި ހަމަނުވުމުގެ ސަބަބުން ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު އެންމެ ބޮޑަށް އޮތީ އަންހެނުންނަށް ކަމަށާއި އެހެން ކަމުން ގަޑިން ގަޑިއަށް ނިދުމަކީ އަންހެނުން ސަމާލުވާން ޖެހޭ ކަމެއް ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
އިންސޮމްނިއާ ނުވަތަ ނިދި ނުލިބުމުގެ ބައްޔަކީ އަންހެނުންގެ މެދުގައި އާއްމު ބައްޔެއް ކަމަށާއި އެހެން ކަމުން އެކަމުގެ ނުރައްކާ ވެސް އެންމެ ބޮޑަށް އޮތީ އަންހެނުންނަށް ކަމަށް ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރަކު ބުންޏެވެ.
އެކި އުމުރާއި ނަސްލުގެ މީހުން ބޭނުން ކޮށްގެން ހެދި މި ދިރާސާއިން އެނގުނު ގޮތުގައި ރެއަކާދުވާލު އަށް ގަޑިއިރުގެ ނިދި ނުލިބޭނަމަ ހިތުގެ ވިންދަށް ފާހަގަ ކުރެވޭ ވަރުގެ ބަަދަލެއް އާދެ އެވެ. އެކަން ހުރިހާ އުމުރެއްގެ ހުރިހާ ނަސްލެއްގެ މީހުންގެ ފަރާތުން ވެސް ފާހަގަވި އެވެ.
އެހެން ކަމުން ނިދި ހަމަކުރެވޭނެ ގޮތުގެ މަތިން ދިރިއުޅުމުގެ އާދަކާދަ ގެންގުޅުމަށާއި އެގޮތުން ވެސް ނިދި ނުލިބޭނަމަ ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަށް ދިރާސާގައި ލަފާދީފައިވެ އެވެ.