ރައްޔިތުން މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދަށް އެއް އަހަރު ދުވަހުގެ ތެރޭގައި މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިވަޑައިގެންފައިވާކަން ހާމަވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި މަޖިލިހުގެ މެންބަރުންގެ މާލީ ބަޔާންތައް މިއަދުވަނީ އާންމުކޮށްފަ އެވެ.
ރައީސް ނަޝީދުގެ މާލީ ބަޔާނަށް ބަލާއިރު 2019 ވަނަ އަހަރުގެ މޭ މަހުގެ 27 އިން ފެށިގެން 2020 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ރައީސް ނަޝީދަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 3.18 މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވެ އެވެ.
އެ މާލީ ބަޔާނުގައިވާ ގޮތުން އެމަނިކުފާނުގެ އަމިއްލަފުޅު ތިން ބޭންކް އެކައުންޓެއްގައި 1،715،224 ރ. އެބަހުއްޓެވެ. އެއީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި ހުޅުވާފައިވާ އެކައުންޓްގައި 1،596،773.45 ރ. އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައިވާ އެކައުންޓްގައި 76،979.62ރ. އަދި ބީއެމްއެލްގައި 41،471.71ރ. އެބަހުރި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދި އެމަނިކުފާނުގެ ބޭންކު އެކައުންޓުތަކުން ފައިދާގެ ގޮތުގައި އެމަނިކުފާނަަށް 36،029.21 ރުފިޔާ ލިބިވަޑައިގެންފައިވާ ކަމަށް ވެސް އެ މާލީ ބަޔާނުގައި ބުނެފައިވެ އެވެ.
މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވާތީ ނަޝީދަށް މުސާރައާއި އިނާޔަތުގެ ގޮތުގައި މަހަކު 80،000 ރުފިޔާ ލިބިވަޑައިގަންނަވާތީ އެމަނިކުފާނު ވަނީ ކުރީގެ ރައީސްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އިނާޔަތުގެ ފައިސާއިން 85،000 ރުފިޔާ ނުނަންގަވަން ނިންމަވައިފަ އެވެ. އެކަމަކު އެމަނިކުފާނަށް އެ ފައިސާ ނެންގެވުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތެވެ. އަދި މަޖިލިހުގެ ރައީސްގެ މަގާމުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި 73،000 ރުފިޔާ މަހަކު ލިބިވަޑައިގަންނަވަ އެވެ. އަދި ކުރީގެ ރައީސްގެ އިނާޔަތާއި އޮފީސް ހިންގެވުމުގެ ޚަރަދުގެ ގޮތުގައި އިތުރަށް އެމަނިކުފާނަށް މަހަކު 172،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.
މާލީ ބަޔާނުން ހާމަވި ގޮތުގައި ރައީސް ނަޝީދުގެ ގޯއްޗެއް ލ. ގަމުގައި އޮވެ އެވެ. އޭގެ އިތުރަށް އެއްވެސް ކުންފުންޏެއްގެ ހިއްސާއެއް ނުވަތަ އަމިއްލަ ނަންފުޅުގައި ނަންގަވާފައިވާ ދަރަންޏެއް ނެތެވެ.