ދޯހާ (28 ނޮވެމްބަރު) – ފީފާ ވޯލްޑް ކަޕްގެ ގުރޫޕް އެޗްގައި މިރޭ ދެކުނު ކޮރެއާ އަތުން 3-2 އިން މޮޅުވެ ގާނާ މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު ދަމަހައްޓައިފި އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ހާފުގައި ގާނާ އިން ވަނީ 2-0ގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ 24 ވަނަ މިނިޓުގައި ގާނާ އަށް ލީޑު ހޯދައިދިނީ ޑިފެންޑަރު މުހައްމަދު ސަލީސޫ އެވެ.
މެޗުގެ 34 ވަނަ މިނިޓުގައި ގާނާގެ ދެވަނަ ލަނޑު ޖެހީ މިޑްފީލްޑަރު މުހައްމަދު ކުޑޫސް އެވެ. ގާނާގެ ޖޯޑަން އަޔޫ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ކުޑޫސް ވަނީ ބޮލުން ގޯލަށް އަމާޒުކޮށްލައިފަ އެވެ.
މެޗުގެ ދެވަނަ ހާފު ފެށި ގޮތަށް، ލަނޑެއް ޖެހުމަށް ދެކުނު ކޮރެއާގެ އިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުކުރީ މެޗުގެ 58 ވަނަ މިނިޓުގައި ޗޯ ގުއޭ ސުންގް ކާމިޔާބުކުރި ލަނޑުންނެވެ. އަދި މެޗުގެ 61 ވަނަ މިނިޓުގައި ޗޯ ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ގާނާ އިން އަލުން ލީޑު ނެގީ މެޗުގެ 68 ވަނަ މިނިޓުގައި ކުޑޫސް ކާމިޔާބުކުރި ލަނޑުންނެވެ. ދެކުނު ކޮރެއާގެ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ގާނާގެ ފޯވަޑް އިނާކީ ވިލިއަމްސް އަށް ގޯލަށް އަމާޒުނުކުރެވުނު ނަމަވެސް، އޭނާގެ ފަހަތުގައި ހުރި ކުޑޫސް ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.
މެޗުގެ ބާކީ އޮތް ވަގުތުގައި، ދެކުނު ކޮރެއާ އިން ގާނާގެ ފަހަތަށް ބާރުބޮޑުކުރިއެވެ. ދެކުނު ކޮރެއާ އަށް ރަނގަޅު ފުރުސަތުތައް ލިބުނު ނަމަވެސް، އެ ޓީމުގައި އަތުގައި ނަސީބެއް ނުހިފި އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު، ގާނާ އަށް ވަނީ ދެވަނަ ބުރުގެ އުންމީދު އާވެފަ އެވެ. ދެކުނު ކޮރެއާ އަށް ދެ މެޗުން އެންމެ ޕޮއިންޓެއް ލިބިފައި އޮތުމުން، އެ ޓީމަށް މިހާރު އޮތީ ހަނި ފުރުސަތެކެވެ.
މި ގުރޫޕްގައި މިރޭ ކުޅޭ ދެވަނަ މެޗުގައި ޕޯޗުގަލްއާ ދެކޮޅަށް ނުކުންނާނީ އުރުގުއޭ އެވެ.