ހިންދީ ފިލްމުތަކާއި ޑްރާމާތައް ކުޅެފައިވާ އެކްޓަރު ވިކްރަމް ގޯކްލޭ މަރުވެއްޖެ ކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތައް އޭނާގެ އާއިލާއިން ދޮގުކޮށްފި އެވެ.

ވަރަށް ހާލުދެރަވެގެން ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުންދާ ވިކްރަމް މަރުވެއްޖެ ކަމަށް ނޫސްތަކުން ބުނި ނަމަވެސް ވިކްރަމްގެ އަންހެނުން ރުޝާލީ ބުނި ގޮތުގައި ވިކްރަމް އަދި މަރެއް ނުވެ އެވެ.

އެހެން ނަމަވެސް 82 އަހަރުގެ އެކްޓަރު ވިކްރަމް އަންނަނީ ޕޫނޭ ދީނާނާތު މަންގޭޝްކަރް ހޮސްޕިޓަލުގައި އިއްޔެގެ ވަގުތެއްގައި އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ދެމުނެވެ. ވިކްރަމް އަދިވެސް އޮތީ ކޯމާއެއްގައި ކަމަށްވެސް އާއިލާއިން ބުންޏެވެ.

ވިކްރަމްގެ އަންހެނުން އިތުރަށް ބުނި ގޮތުގައި އުމުރުން ދުވަސްވެ ވިކްރަމްގެ ހިތާއި ކިޑްނީއަށް ވަނީ މައްސަލަތައް ދިމާވެފަ އެވެ. އަދި އެތެރެހަށީގެ ގިނަ ގުނަވަންތައް ވަނީ ފެއިލްވެފަ އެވެ.

ވިކްރަމްގެ އަންހެން ދަރިފުޅު ވެސް ބުނީ އޭނާގެ ބައްޕަ އޮތީ ލައިފް ސަޕޯޓްގައި ނަމަވެސް އަދި މަރުނުވާ ކަމަށެވެ.

ވިކްރަމް ބޮލީވުޑަށް ތައާރަފްވީ 1971 ގައި އަމީތާބު ބައްޗަން ބަތަލުގެ ބައި ކުޅުނު "ޕަރްވާނާ" އިންނެވެ. އޭރު އޭނާގެ އުމުރުން 27 އަހަރެވެ.

"ހަމް ދިލް ދޭ ޗުކޭ ސަނަމް"ގައި އައިޝްވަރިޔާ ރާއީގެ ކެރެކްޓާ ނަންދިނީގެ ބައްޕަގެ ރޯލު ކުޅެފައިވަނީ ވިކްރަމް އެވެ. މި ނޫނަސް ގިނަ އަދަދެއްގެ ފިލްމުތަކުގައި ވިކްރަމް ބައްޕަ ބަޔާއި ނުބައިބައި ކުޅެފައި ވެއެވެ. އަދި ޓީވީ ސީރީޒްތަކުގައި ވެސް ބައްޕަގެ ރޯލު ކުޅެފައި ވެއެވެ.

ފަހުގެ ފިލްމުތަކުގެ ތެރެއިން "ބޫލް ބުލައްޔާ"، "ދިލް ސޭ"، "ދޭ ދަނާ ދަން" އަދި "މިޝަން މަންގަލް" ގައި ވިކްރަމް ވަނީ މޮޅު ބައިތަކެއް ކުޅެފަ އެވެ.

ވިކްރަމް ފިލްމެއް ޑައިރެކްޓް ވެސް ކޮށްފައިވެ އެވެ. އެއީ އޭނަ މުހިއްމު ރޯލެއް ވެސް ކުޅުނު 2010 ގެ "އާގާތު" އެވެ.

ވިކްރަމް އަކީ ދެ ކުދިންގެ ބައްޕައެކެވެ.