ގދ. ހޯޑެއްދޫ ވަލު ތެރޭގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފި އެވެ.
ފުލުހުން މި ތަކެތި ހޯދާފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސްގެ ފުލުހުން ގުޅިގެން މިހާރު ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންގެ ތެރެއިންނެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށްގެންދާ އެ އޮޕަރޭޝަންގެ ތެރެއިން، ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވަނީ ގދ. ހޯޑެއްދޫ ވަލު ތެރޭގައި ވަޅުލާފައި ހުއްޓަ އެވެ. އެހެންނަމަވެސް މި އޮޕަރޭޝަންގައި ފުލުހުން ހޯދާފައިވަނީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް، އަދި އެތަކެތީގެ ބާވަތްތަކާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުބުނެ އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތަށް ހައްޔަރުކުރެވުނު ގދ. ހޯޑެއްދޫ، ސްވެން، އަބްދުﷲ ރަޝީދު ފުލުހުންގެ ހައްޔަރަށް ގެނެވިފައި ހުއްޓާ ނިޔާވުން އެއީ ވަރަށް ހިތާމަވެރިކަމެއް ކަމަށާއި، ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު އެހެން ފަރާތެއް ގދ. ހޯޑެއްދޫ ވަލުތެރޭގައި ވަޅުލައި ފޮރުވާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ޓީމުން ހޯދާފައިވާ ކަމަށާއި، ހޯޑެއްދޫގެ އެހެނިހެން ތަންތަން ކުރިއަށް އޮތް ވަގުތުތަކުގައި ފުލުހުން ބަލައި ފާސްކުރާނެ ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވި އެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންމެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން، ކޯޓު އަމުރުގެ ދަށުން އިތުރު ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.