ހުވަފެނަކީ ހަމައެކަނި ނިދީގެ ތެރޭގައި ސިކުނޑިއަށް ފެންނަ މަންޒަރުތަކެއް ނޫނެވެ. ބައެއް ފަހަރު އެއީ އަހަރެމެންގެ ހިތުގެ ފުންމިނުގައި ހުންނަ ބިރުވެރިކަމާއި، ހާސްކަމާއި، ނުވަތަ ދިރިއުޅުމުގައި ހައްލުނުކުރެވި ހުންނަ ކަންކަން އަހަރުމެންގެ "ސަބްކޮންޝަސް މައިންޑް"އިން ބޭ ރުކޮށްދޭ ގޮތެކެވެ.
ނަފްސާނީ ސިއްހަތުގެ މާހިރުން ބުނާ ގޮތުގައި ދިރިއުޅުމުގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ދުވަހަކުވެސް ފަރުވާކުޑަ ކޮށްލައިގެން ނުވާނެ 5 ހުވަފެނެއްވެ އެވެ.
އަހަރެމެންނަށް ފެންނަ ބައެއް ބިރުވެރި ހުވަފެންތަކަކީ ހަގީގަތުގައި ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ސިކުނޑިން ފޮނުވާ ސިގްނަލްތަކެކެވެ. އޭގެ ތެރެއިން އެންމެ އާންމު 5 ހުވަފެނަކީ:
1. މީހަކު ނުވަތަ އެއްޗަކު ތިމާގެ ފަހަތުން ދުވުން
މިއީ ވަރަށް ގިނަ މީހުންނަށް ފެންނަ ހުވަފެނެކެވެ. ހުވަފެނުގައި ކޮންމެހެން މީހަކު ފަހަތުން ނުދުވުނު ނަމަވެސް، ނުރައްކާތެރި ސޫފާސޫފި ނުވަތަ ހިޔާލީ މަހްލޫގެއް ފަހަތުން އަންނާތީ ދުވާ މަންޒަރު ފެނިދާނެ އެވެ.
ނަފްސާނީ މާނަ: މީގެ މާނައަކީ ހަގީގީ ދިރިއުޅުމުގައި ތިމާ ކުރިމަތިލާން ބޭނުންނުވާ، ނުވަތަ ފިލަން އުޅޭ ބޮޑު ކަމެއް ނުވަތަ މައްސަލައެއް އެބައޮތް ކަމެވެ. އެއީ މަސައްކަތުގެ މާހައުލުގެ ޒިންމާއަކަށް ނުވަތަ ނިންމަން ޖެހިފައިވާ އުނދަގޫ ނިންމުމަކަށް ވެދާނެ އެވެ.
2. އުސް ތަނަކުން ވެއްޓުން
ނިދީގެ ތެރޭގައި ކުއްލިއަކަށް މަތިން ތިރިއަށް ވެއްޓޭހެން ހީވެގެން ސިއްސައިގެންގޮސް ހޭލެވޭ ހާދިސާ ގިނަ ބަޔަކަށް ދިމާވެ އެވެ.
ނަފްސާނީ މާނަ: މިއީ ދިރިއުޅުމުގެ ކަންކަން ތިމާގެ ކޮންޓްރޯލުން ނެއްޓެމުންދާކަމުގެ އިހުސާސް ކުރެވުމުން ފެންނަ ހުވަފެނެކެވެ. ގުޅުމެއް ރޫޅުން، ވަޒީފާގެ ބިރުވެރިކަން، ނުވަތަ މާލީ ގޮތުން ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި އުޅޭނަމަ މިފަދަ ހުވަފެންތައް ފެނެ އެވެ.
3. ދަތްޕިލަ ފޭބުން ނުވަތަ ވެއްޓުން
ހުވަފެނުގައި އަމިއްލަ ދަތްތައް ލުހިގެން ނުވަތަ ބިނދިގެން ވެއްޓޭ މަންޒަރު ފެނުމަކީ ވަރަށް އާންމު ކަމެކެވެ.
ނަފްސާނީ މާނަ: ނަފްސާނީ މާހިރުން ވިދާޅުވާ ގޮތުގައި ދަތަކީ އިންސާނާގެ ބާރާއި، ޔަގީންކަމާއި، ރީތިކަމުގެ ރަމްޒެކެވެ. ދަތް ވެއްޓޭތަން ފެނުމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުމާއި، މުސްކުޅިވުމުގެ ބިރާއި، ނުވަތަ އެހެން މީހުންގެ ކުރިމަތީގައި ތިމާގެ އަގު ވެއްޓިދާނެތީ އުފެދޭ ހާސްކަމުގެ ނިޝާނެކެވެ.
4. އިމްތިހާނަކުން ފެއިލްވުން ނުވަތަ ތައްޔާރުނުވެ ހުރުން
ކިޔަވައި ނިމި، ވަޒީފާގައި އުޅޭތާ އެތައް އަހަރެއް ވީފަހުންވެސް، ސްކޫލް ނުވަތަ ޔުނިވާސިޓީ އިމްތިހާނެއްގައި އިށީނދެގެން އިންނަައިރު އެއްވެސް އެއްޗަކަށް ތައްޔާރު ނުވެވޭތީ ހާސްވާ މަންޒަރު ފެނެ އެވެ.
ނަފްސާނީ މާނަ: މިއީ އަމިއްލަ ނަފްސާ މެދު މާބޮޑަށް ޑިމާންޑް ބޮޑު ކުރުމުން ފެންނަ ހުވަފެނެކެވެ. ވަޒީފާގައި ނުވަތަ ދިރިއުޅުމުގައި ކުރިމަތިލާން ޖެހޭ ގޮންޖެހުންތަކަށް ތިމާގެ ގާބިލުކަން ހުރިތޯ އަމިއްލައަށް ޝައްކު ކުރެވޭނަމަ މި ހުވަފެން ތަކުރާރުވެ އެވެ.
5. އާންމު ތަނެއްގައި ބޭޒާރުވުން
މީހުން އެއްވެ އުޅޭ ބާޒާރެއްގައި، ނުވަތަ އޮފީހެއްގެ ތެރޭގައި ބޭޒާރުވެ އެހެން މީހުން ބަލާހެން ހީވެގެން ފެންނަ ހުވަފެންތަކަކީ ލަދުވެތި ހުވަފެން ތަކެކެވެ.
ނަފްސާނީ މާނަ: މީގެ މާނައަކީ ތިމާގެ ސިއްރުތަކެއް ނުވަތަ ބަލިކަށިކަމެއް އެހެން މީހުންނަށް ފާޅުވެދާނެތީ ބިރުގަތުމެވެ. އަމިއްލަ ނަފްސު ބޭޒާރު ވެދާނެތީ ނުވަތަ މީހުން ތިމާއަށް ފާޑުކިޔައި، ގޮތް ނިންމާފާނެތީ ބިރުގަންނަ ނަމަ މި ހުވަފެން ފެނެ އެވެ.
ބިރުވެރި ހުވަފެންތަކަކީ ހަމައެކަނި "ބިރުވެރި އެއްޗެއް" ނޫނެވެ. އެއީ ދިރިއުޅުމުގައި ހުރި ނުތަނަވަސްކަމާއި ސްޓްރެސް ދެނެގަނެ، އެކަންކަން ހައްލު ކުރުމަށް ސިކުނޑިން އެދޭ އާދޭހެކެވެ. މިފަދަ ހުވަފެންތައް ގަވާއިދުން ފެންނަނަމަ، ދިރިއުޅުމުގެ ސްޓްރެސް ކުޑަކޮށް، ސިއްހަތަށް ސަމާލުކަން ދޭންޖެހެ އެވެ.
މުޖުތަބާ ފިޔަވާ ހުރިހާ ދަރިކަލުން ހާމަނާއީގެ ޖަނާޒާގައި
މެކްސިކޯ ކަޓުވާލައި، އިންގްލެންޑް ކުއާޓާ އަށް
ފުންފަޅުގޭގައި ރޯވުން: 28 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދިން