މާލޭގެ ބޭރު މަގުގެ ދެކޮޅަށް ކަސްރަތަށް މީހުން ދުވާ މަންޒަރު ނުފެންނަ ވަގުތެއް މަދުވާނެ އެވެ. ލޮކްޑައުން އަށް ފަހު މިހާރު އެ އަދަދު ވަކިން ގިނަ ކަމަށް ދައްކަ އެވެ. ވާނީވެސް އެހެންތާ އެވެ. ގޭގައި ތިބެ ކައިކައި ގިނަ މީހުން ވަނިީ ފަލަ ވެފަ އެވެ. ޖެހި މަސްކޮޅު ކޮންމެހެން ހަދާފައި ވެސް ވިރުވާލަން އެބަޖެހެ އެވެ.
ބަރުދަން ލުއި ކޮށްލުމަށް އެންމެ ރަނގަޅު އެއް ގޮތަކީ ދުވަން ދިއުމެވެ. އެހެން ނަމަވެސް ދުވަން ދާން ފެށުމުގެ ކުރިން ވިސްނަންވީ ކަންތައް އެބަހުއްޓެވެ.
1. ދުވަން ދިއުމުގެ ކުރިން މާ ގަދައަށް ކެއުން
ދުވަން ދިއުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން ބޮޑު މީލްއެއް ނަގައިގެން ދިއުން ރަނގަޅެއް ނޫނެވެ. އަހަރެމެން ދުވާއިރު ލޭ ދައުރުވުން އަމާޒުވެފައި ހުންނަނީ ކަށީގެ މަސްތަކަށެވެ. އެހެން ކަމުން ހަަޖަމުގެ ނިޒާމަށް ލޭ ފޯރާ މިންވަރު މަދުވުމުގެ ސަބަބުން ކާ ތަކެތި ހަޖަމަވާ ރޭޓް ދަށްވެ އެވެ. އެހެން ކަމުން ދުވަން ދިއުމުގެ ކުރިން ކައިގެން ދަންޏާ އެ ކާތަކެތި ހަޖަމް ނުވެ ބަނޑުގެ އެއް ފަޅިއެއްގައި ރިއްސުން ފަދަ ކަންތައް ދިމާވާނެ އެވެ.
2. ގިނައިން ފެން ބުއިން
ދުވަންދާނަމަ ދުވާލު އެއްކޮށް ވެސް ގިނައިން ފެން ބޯން ވާނެ އެވެ. އެހެން ނަމަވެސް ދުވަން ދިއުމުގެ ކުރިން މާ ގިނައިން ފެން ބޮއެގެން ނުވާނެ އެވެ. އޭރުން ދުވާ އިރު އުނދަގޫވާނެ އެވެ.
3. ދުވަން ފެއްޓުމުގެ ކުރިން ސްޓްރެޗް ކޮށްލަންވާނެ
ސްޓްރެޗް ކޮށްލުމަކީ ދުވަން ދިޔަ ކަމުގައި ވިޔަސް ކަސްރަތު ކުރި ކަމުގައި ވިޔަސް މުހިއްމު ކަމެކެވެ. އޭރުން ގައިގެ މަސްތައް މާ ބޮޑަށް ސްޓްރެޗްވުމުން ދުރުކޮށްދޭނެ އެވެ.
4. ރަނގަޅު ބޫޓެއް
ދުވަން ދާއިރު ކޮންމެހެން އަގު ބޮޑު ބޫޓެއް ނުގަތަސް މާ ބާރު ނޫން އަދި މާ ދޫ ނޫން ބޫޓެއް ރަނގަޅުވާނެ އެވެ.