ޗާގޯސް މައްސަލައިގައި ރާއްޖެއިން މިހާތަނަށް ގެންގުޅުނު ސްޓޭންޑް ބަދަލުކޮށް ރާއްޖެއިން މޮރިޝަސްއިން އެދޭ ގޮތަށް ދޫނުދޭނެ ކަމަށް ދިވެހި ސަރުކާރުން ހާމަކުރައްވައިފި އެވެ.
ސަރުކާރުން މިކަން ހާމަކުރެއްވީ، ޗާގޮސް އައިލެންޑްސް އެ ގައުމުގެ ތަނެއްގެ ގޮތުގައި ބޭއްވުމާ މެދު ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދިނުމަށް ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން، ރާއްޖޭގެ ވިސްނުން ހާމަކޮށް ދެއްވައި ބަންޑާރަ ނައިބުގެ އޮފީހުން ނެރުއްވި ބަޔާނެއްގައި އެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ، ޗާގޮސްގެ ސިޔާދަތާ ގުޅޭ މައްސަލައަކީ މީގެ އެތައް އަހަރުތަކެއް ކުރިން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އެފެދިފައިވާ، އެހެން ނަމަވެސް ހައްލުކުރެވިފައިނުވާ މައްސަލައެއްކަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން 2019 ވަނަ އަހަރުގެ އޮގސްޓް 23 ގައި މޮރިޝަސްގެ ފަރާތުން، ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (ޓްރައިބިއުނަލް) އަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ) ގެ ދަށުން މައްސަލައެއް ހުށަހަޅާފައިވާކަމަށާއި، އެ މައްސަލައިގައި، މޮރިޝަސް އިން ހުށަހެޅި މައްސަލަ ބަލައި ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިޙްތިޞާޞް ޓްރައިބިއުނަލަށް ލިބިގެން ނުވާކަމަށް އިޖުރާއީ ގޮތުން ރާއްޖެއިން ފާހަގަކުރިކަން ބަޔާންކޮށްފައިވެ އެވެ. އެހެންނަމަވެސް ޓްރައިބިއުނަލުން 28 ޖެނުއަރީ 2021 ގައި ނިންމާފައިވަނީ މައްސަލަ ބެލުމަށް ކަމަށް ވެސް ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ބުނެފަ އެވެ. ޓްރައިބިއުނަލްގެ އެ ނިންމެވުމާ ގުޅިގެން ދެން ކުރިއަށް ދިޔައީ ދެ ގައުމުން ލިޔުމުން ޖަވާބުދާރީވުމުގެ މަރުޙަލާކަން ފާހަގަކުރައްވައި ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ މި މައްސަލައިގައި ރާއްޖޭގެ ފަރާތުން ލިޔުމުން ޖަވާބު ހުށަހަޅާފައި ވަނީ ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން މަޢުލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް، ދިވެހި ދައުލަތުގެ އެންމެ މަތީ މަޞްލަޙަތުތައް ހިމާޔަތްކުރުމަށް އިސްކަންދީގެން ކަމަށެވެ. އަދި މި މައްސަލައަކީ ރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ގައުމަކަށް މުހިންމު މައްސަލައަކަށްވުމުން ރާއްޖެ ތަމްސީލުކުރުމަށްޓަކައި މި ދާއިރާއިން ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާހުރި ބައިނަލްއަޤްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ޚަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް ޢައްޔަނުކުރެވުނުކަމަށާއި، މި މައްސަލައިގައި ކަމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤާނޫނީ އުޞޫލުތަކާއި ނިންމުންތަކުގައިވާ ގޮތުގެ މަތިން ޓްރައިބިއުނަލްގައި ރާއްޖޭގެ މަޞްލަޙަތުތައް އެންމެ ފުރިހަމައަށް ވާނީ ދިފާޢުކޮށްފައި ކަމަށް ވެސް ބަޔާނުގައިވެ އެވެ.
- މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ބަޔާންކޮށްފައިވާ ނަމަވެސް، ބައިނަލްއަޤްވާމީ ކޯޓުތަކުން މިފަދަ މައްސަލަތަކުގައި މިހާތަނަށް ނިންމާފައިވާ ނިންމުންތަކަށް ރިޢާޔަތްކޮށް އެއީ ބޭސް ޕޮއިންޓެއް ކަމަށް ނުބަލައި އެ ސަރަޙައްދު ބައިކުރުމަށް ދިވެހި ރާއްޖެއިން މަސައްކަތްކޮށް ކާމިޔާބު ވެއްޖެ ނަމަ ދިވެހި ރާއްޖެއަށް 4,687 އަކަ ކިލޯމީޓަރުގެ އިތުރު ސަރަޙައްދެއް ލިބިގެންދާނެތީ، ސަރަޙައްދު ބައިކުރަން މޮރިޝަސްއިން ހުށަހަޅާފައިވާ ގޮތަށް އިޢުތިރާޟްކުރުން؛
- ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (CLCS) އަކީ އައުޓަރ ކޮންޓިނެންޓަލް ޝެލްފްގެ ލިމިޓް ކަނޑައެޅުމަށް ޚާއްޞަކޮށް އުފައްދާފައިވާ ކޮމިޝަނެއް ކަމަށްވާތީ އާއި މި މައްސަލަ މިހާރު ބަލަމުންދާ ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަކީ އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާ ގުޅޭ މައްސަލަތައް ބެލުމަށް ސައިންޓިފިކް އެކްސްޕާޓުން ފަދަ ޚާއްޞަ ޚަބީރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޗެމްބަރެއް ކަމުގައިނުވާތީ، ދިވެހި ރާއްޖޭގެ ފަރާތުން CLCS އަށް 2010 ވަނަ އަހަރު ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް އެ ކޮމިޝަނުން އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާ މެދު ގޮތެއް ކަނޑައެޅުމަކީ ދިވެހި ރާއްޖެއަށް އެންމެ ފައިދާހުރި ގޮތް ކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވޭތީ، އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާ ގުޅޭ ގޮތުން މޮރިޝަސްއިން ހުށަހަޅާފައިވާ ހުށަހެޅުން ބެލުމުގެ އިޚްތިޞާޞް ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަށް ލިބިފައި ނުވާ ކަމަށް ހުށަހެޅުން
- ދިވެހި ރާއްޖެއިން ހުށަހަޅާ ހުށަހެޅުން ބަލައިނުގަނެ، އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާ ގުޅޭ މައްސަލަ ބެލޭނެ ކަމަށް ޓްރައިބިއުނަލުން ނިންމަވާ ޙާލަތުގައި ވެސް، އައުޓަރ ކޮންޓިނެންޓަލް ޝެލްފް ކަނޑައެޅުމުގެ ގޮތުން ހުށަހަޅަންޖެހޭ ނެޗުރަލް ޕްރޮލޮންގޭޝަން އާ ގުޅޭ ސައިންޓިފިކް އަދި ޓެކްނިކަލް ހެކިތައް މޮރިޝަސްގެ ފަރާތުން ހުށަހަޅާފައި ނުވާތީ، މޮރިޝަސްއަށް އައުޓަރ ކޮންޓިނެންޓަލް ޝެލްފް ޙައްޤުވެގެން ނުވާ ކަމަށް ބަޔާންކުރުން.
ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން 2019 ގައި ނިންމެވި ނިންމެވުމުގައި، އިނގިރޭސިވިލާތުން އެ ތަން މޮރިޝަސްއާ ހަވާލުކުރަންޖެހޭ ކަމަށް ނިންމާފައިވެ އެވެ. ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ އެ ނިންމުމާ ގުޅުވައިގެން އދ. ގެ ޖެނެރަލް އެސެމްބްލީގައި ދޭ ވޯޓުގެ މައްސަލަ އާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށެވެ. އަދި އދ. ގެ ޖެނެރަލް އެސެބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ލުމަކީ، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީ ވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެކަމުގެ ޔަޤީންކަން ބަންޑާރަ ނާއިބުގެ އޮފީހުން ދެއްވާފައިވެ އެވެ.
އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ފެބްރުއަރީ 2019 ގައި ނެރުނު "އައި.ސީ.ޖޭ. އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާކިޕެލަގޯ ފްރޮމް މޮރިޝަސް އިން 1965 " އަށް ބަލާއިރު، އެ އޮޕީނިއަންގައި އިނގިރޭސިވިލާތުން ޗާގޮސް އިސްތިއުމާރުކޮށްފައިވާ ކުރުމަށް ނިމުމަކަށް ގެނެސް އެތަން ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ހަވާލުކުރަން ޖެހޭ ކަމަށް ކަނޑައަޅުއްވާފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި މި އައިސީޖޭ އޮޕީނިއަންއާ ގުޅިގެން، ހަ މަސް ދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި ޔޫއެން ޖެނެރަލް އެސެމްބްލީގެ ރިޒޮލިއުޝަނެއް ވެސް 22 މެއި 2019 ގައި ފާސްކޮށްފަ އީވާ ކަމަށާއި، އެ ރިޒޮލިއުޝަން ނެރެފައިވަނީ 116 ގައުމުގެ ތާއިދާއެކުގައިކަމާއި، އެ ރިޒޮލިއުޝަނާ އިދިކޮޅަށް ރާއްޖެއިން ވޯޓުލާފައި ވަނީ، ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށް ވުރެ އިތުރުކުރުމަށް ދިވެހި ރާއްޖެއިން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީ.އެލް.ސީ.އެސް.) އަށް 26 ޖުލައި 2010 ގައި ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން އިޢުތިރާޟުކޮށް، 24 މާޗް 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހަޅާފައިވާތީ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.
އެހެން ނަމަވެސް، ރާއްޖެއަކީ ޑީކޮލޮނައިޒޭޝަންއަށް އަބަދުވެސް ތާއީދުކުރާ ގައުމަކަށްވެފައި، މިހާރު މޮރިޝަސް އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުން އަންނައިރު، ދިވެހި ރާއްޖެއިން ވެސް މޮރިޝަސްއާ އެއްކޮޅަށް މި އަހަރުގެ އދ.ގެ ޖެނެރަލް އެސެމްބްލީގައި ވޯޓުލާން ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވާފައިވާކަން، މިހާރު ޓްރައިބިއުނަލްގައި ހިނގަމުންދާ އަޑުއެހުމުގައި އެޓާނީ ޖެނެރަލް ފާހަގަކުރައްވާފައިވެ އެވެ. އަދި ޓްރައިބިއުނަލްގައި މިހާރު ކުރިޔަށްދާ، ދިވެހި ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭގޮތުން ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައަކީ ރާއްޖެ ބައިވެރިވެފައިވާ މުޢާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގޮތް ނިންމަންޖެހޭ، މުޅިން ތަފާތު މައްސަލައެއް ކަމަށްވާއިރު، އައި.ސީ.ޖޭގެ ނިންމުން ތަންފީޒުކޮށް ޗާގޮސް މޮރިޝަސްއާ ޙަވާލުކުރުމަށް ގޮވާލާ ޤަރާރަށް އދ.ގެ ޖެނެރަލް އެސެމްބްލީގައި ތާއީދުކޮށް ވޯޓުލުމުގެ ސަބަބުން ޓްރައިބިއުނަލްގައި ކުރިޔަށްދާ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުގެ ބަޔާން ވަނީ ބުނެފަ އެވެ.
މިކަހަލަ ވޯޓެއް ކޮސޯވޯ މައްސަލާގަވެސް ދީގެން ބަޔަކު މީހުންވަނީ ފައިސާގަޑެއް ނަގާފައި ދިރުވާލާފައި، މިފަހަރުވެސް މިއުޅެނީ ފައިސާގަޑެއް ދިރުވާލަން ، ބައިއެޅުން ގިނަނުވެގެން މަޖިލިސް ފުކޯގައިވެސް އެވާހަކަ ދައްކަންފެށީ !