ޑީހައިޑްރޭޝަން (ހަށިގަނޑުން ފެން މަދުވުން) އަކީ ހަމައެކަނި ކަރު ހިއްކުމެއް ނޫނެވެ. މިއީ އަޅުގަނޑުމެންގެ ސިކުނޑީގެ މަސައްކަތްތަކަށް ސީދާ ބުރޫ އަރުވާ ކަމެކެވެ.
އިންޑިއާގެ ކެއާ ހޮސްޕިޓަލްސްގެ ސާޖަން ޑރ. ބީ ރަވިންދަރު ރެޑްޑީ ހިންދސްތާން ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅު ވެފައިވާ ގޮތުގައި، ސިކުނޑީގެ 75 ޕަސެންޓަކީ ފެނެވެ. އެހެންކަމުން ހަށިގަނޑުން ކުޑަކޮށް ފެން މަދުވިޔަސް ސިކުނޑީގެ ސެލްތަކުގެ މުވާސަލާތަށާއި ލޭގެ ހިނގުމަށް ބަދަލު އާދެ އެވެ.
ގިނަ ފަހަރަށް ވިސްނުން ކުޑަވުމާއި، ވަރުބަލިވުން ފަދަ ކަންކަމަކީ ސްޓްރެސް ނުވަތަ ނިދި މަދުވުމުން ވާކަމެއް ކަމަށް ހީވި ނަމަވެސް، މީގެ އަސްލަކީ ފެން މަދުވުން ކަމަށް ވެދާނެ އެވެ. ސިކުނޑިން ފެން މަދުވަމުން ދާކަން އަންގައިދޭ މުހިންމު 5 ނިޝާނެއް ޑޮކްޓަރު ވަނީ ހިއްސާ ކުރައްވާފަ އެވެ.
1. ސިކުނޑި ކުޑަކޮށް "ބްލޭންކް" ވުން ނުވަތަ "ބްރެއިން ފޮގް" ވުން
މިއީ ފެން މަދުވުމުގެ އެންމެ ކުރީކޮޅު ފެންނަ ނިޝާނެކެވެ. ކަމަކަށް ސަމާލުކަން ދޭން އުނދަގޫވުމާއި، އާދައިގެ ކަންކަމާ މެދު ވިސްނަން ގިނަވަ ގުތު ނެގުމާއި، ކަންކަން ހަނދާން ނެތުން މީގެ ތެރޭގައި ހިމެނެ އެވެ. މިއީ ހަމައެކަނި ވަރުބަލިވުމެއް ނޫނެވެ. މިއީ ފެން މަދުވުމުގެ ސަބަބުން ސިކުނޑިއަށް އޭގެ އެންމެ ފުރިހަމަ ބާރު މިނުގައި މަސައްކަތް ނުކުރެވޭތީ ދިމާވާ ކަމެކެވެ.
2. ބޮލުގައި ރިއްސުން
މަސައްކަތުގައި ގިނައިރުވުމުން ނުވަތަ އަވީގައި އުޅުމުން ބޮލުގައި ރިއްސާ ނަމަ، އޭގެ މާނައަކީ ހަށިގަނޑަށް ފެން ބޭނުންވަނީ އެވެ. ފެން މަދުވުމުން ސިކުނޑީގެ ވަށައިގެންވާ ދިޔާ އެއްޗެހީގެ ބެލެންސް ގެއްލި، ލޭ ހިނގުމަށް ބަދަލު އާދެ އެވެ. ގިނަ މީހުންނަށް ހެދޭ ގޯހަކީ މިފަދަ ވަގުތުތަކުގައި ފެން ބުއިމުގެ ބަދަލުގައި ތަދު ކަނޑުވާ ބޭސް ކެއުމެވެ.
3. މާ ބޮޑަށް ވަރުބަލިވުން
ބުރަ މަސައްކަތެއް ނުކުރި ނަމަވެސް އަދި ރޭގަނޑު ހަމަނިދި ލިބުނު ކަމުގައި ވިޔަސް ހަށިގަނޑުން ވަރު ދެރަވެ، މުޅި މީހާ ލޮޑުވާ ގޮތްވެ އެވެ. ހަށިގަނޑުން ފެން މަދުވުމުން ލޭގެ މިންވަރު މަދުވެ، ހަށިގަނޑުގެ ގުނަވަންތަކަށް އޮކްސިޖަން ފޯރު ކޮށްދޭން ހިތަށް އިތުރަށް ބާރު ބޮޑުވެ އެވެ. މީގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް މީހާ ބަލިކަށިވެ އެވެ.
4. މޫޑު ގޯސްވުން އަދި ފަސޭހައިން ރުޅި އައުން
ފެން މަދުވުމަކީ އިންސާނާގެ ޖަޒުބާތުތަކަށް ވެސް ނޭދެވޭ އަސަރުކުރާ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހަށިގަނޑުން ކުޑަކޮށް ފެންމަ ދުވިޔަސް ފަސޭހައިން ހާސްވުމާއި، މޫޑު ބަދަލުވުމާއި، ކަންކަން ކުރަން ހުންނަ ޝައުގުވެރިކަން ކުޑަވެ އެވެ.
5. މެންދުރުފަހު ސަމާލުކަން ދެވޭ މިންވަރު ކުޑަވުން
ކޮންމެ ދުވަހަކު ވެސް މެންދުރުފަހު ނުވަތަ ހަވީރުވާން ފެށުމުން އޮފީސް ބައްދަލުވުންތަކަށް ސަމާލުކަންދޭން އުނދަގޫވުމާއި، ނިންމުންތައް ނިންމަން ލަސްވުން ފަދަ ކަންކަން ދިމާވާ ނަމަ، އޭގެ ސަބަބަކީ ހެނދުނުން ފެށިގެން ހަށިގަނޑަށް އެކަށީގެންވާ ވަރަށް ފެން ނުލިބުމެވެ.
ކަރު ހިއްކަންދެން މަޑު ނުކުރާށެވެ. ކަރު ހިއްކުމަކީ އޭގެ ޒާތުގައި ހަށިގަނޑުން ފެން މަދުވާން ފަށާފައިވާ ކަމުގެ ވަރަށް ފަހުގެ ނިޝާނެކެވެ. އެހެންކަމުން ދުވާލުގެ ހުރިހާ ވަގުތެއްގައި ވެސް މަދު މަދުން ފެން ބުއިމުގެ އާދަ އަށަގަންނުވާށެވެ.
ހާމަނާއީގެ ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވެއްޖެ
ޕްރާންސްއަށް އުނދަގޫ މޮޅެއް